ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލައިފި

އަންނަ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމުގެ ފުރުޞަތު ދިވެހި ޙާފިޡުންނަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ފުރުޞަތަކީ މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކޮށްގެން ތަރާވީޙު ނަމާދުގައި އިމާމުވެ ނަމާދުކުރުމަށް ޝައުޤުވެރިވާ ދިވެހި ޙާފިޡުންނަށް ހާއްސަކުރެވިފައިވާ ފުރުޞަތެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 1447 ވަނަ އަހަރު މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން، ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވާނެއެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް އެދޭ ޙާފިޡުންވެސް ހުށަހެޅުމަށް ވުޒާރާއިން ވަނީ އެދިފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން އަންނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލާފައެވެ. ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ، މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.

މި ފުރުޞަތުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރާ ދިވެހި ޙާފިޡުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ ރެއަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވުޒާރާއިން ވިދާޅުވީ، އެއް މިސްކިތަކަށް ގިނަވެގެން ފައިސާ ދެވޭނީ ދެ ދިވެހި ޙާފިޡުންނަށް ކަމަށެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ޙާފިޡުން މިސްކިތްތަކަށް ގެނައުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެކަމަށް އެދޭ ފޯމާއި ލިޔުންތައް ޖެނުއަރީ 11 ގެ ކުރިން ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

މިއަދު އޮންލައިން