ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި ޢަދުލުވެރިކަން ޤާއިމުކުރުމުގެ ޤާބިލުކަން ހުންނަންޖެހޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުއްޖެއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މިކަން ފާހަގަކުރެއްވީ، ޤައުމީ ވެރިކަމުގެ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.
ވަޒީރު އާދަމް ނަޞީރު ވިދާޅުވި ގޮތުގައި، ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި ޢަދުލުވެރިކަން ޤާއިމުކުރުމުގެ ޤާބިލުކަން ހުންނަންވާނެއެވެ. އަދި ރަނގަޅު ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި ދީނީ އަޚުލާޤަށް އިސްކަންދެއްވުމާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އިސްކަންދިނުން ހިމެނެއެވެ. މީގެ އިތުރުން، ހަރުދަނާ ވެރިއަކު ދުރު ރާސްތާއަށް ވިސްނަވައިގެން ކަންކަން ރާއްވަވައި، ޤައުމީ ސިޔާސަތުތައް ބައްޓަންކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ލާބަހުރި މަންފާ ހުރި ގޮތްތައް ގެނައުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ރައްޔިތުންނަށް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ވެރިކަންކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަޞީރު އިތުރަށް ވިދާޅުވީ، މިފަދަ ހަރުދަނާ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޖުމްހޫރީ ނިޒާމުގެ ދަށުން ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް، ޢަދުލުވެރިކަން ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އޭނާ ވިދާޅުވިއެވެ.