ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާކުރައްވަމުން ކަމަށެވެ. މި ދުވަހަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރި ދުވަސްކަން ފާހަގަކުރެވެއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ މި ސަރުކާރުގެ މައިގަނޑު އަމާޒުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ޙަޟްރަތުން ވާގި އެދިތިބެ، އިޚްލާޞްތެރިކަމާއެކު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ މަސައްކަތުގައި ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ. އަދި ޤައުމަށް ތަރައްޤީގެ އުޖާލާ ދުވަސްތަކެއް ހޯދައިދިނުމުގެ ޔަޤީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. "ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." ކަމަށެވެ.