ސަރުކާރުން މިއަދާ ހަމައަށް ކާމިޔާބު ކުރި ކަންކަން ހާސިލްކުރުމުގައި ސިވިލް ސަރވިސްގެ ވަރަށް ބޮޑު އެހީތެރިކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ސިވިލް ސަރވިސް މުވައްޒަފުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާއިރު، މިއަދާ ހަމައަށް ކާމިޔާބު ކުރި ކަންކަން ހާސިލްކުރުމުގައި ސިވިލް ސަރވިސްގެ ވަރަށް ބޮޑު އެހީތެރިކަމެއް އެބައޮތް ކަމަށެވެ. އަދި ކޮންމެ ސަރުކާރަކަށްވެސް ކަންކަން ކުރިއަށް ގެންދެވޭނީ، ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތާއެކުގައި ކަމަށާއި، އެހެންކަމުން އެ ފަރާތްތަކުގެ އަގު ވަޒަންކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިވިލް ސަރވިސްގެ މުހިންމުކަން ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ސިވިލް ސަރވިސްއަކީ، ސަރުކާރުން ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަޒީރުންނާއި، އައްޔަން ކުރެވޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތް ކުރާ ފައުޖު، އެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރަންޖެހޭނެ."
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިވިލް ސަރވިސްގެ މަސައްކަތްތަކުން އެންމެ ރަނގަޅު ނަތީޖާ ނެރެވޭނީ، އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރާނަމަ ކަމަށެވެ. އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ.
މީގެ އިތުރުން، ސިވިލް ސަރވިސްއާއި ކައުންސިލްތައް އަދި ޖުޑީޝަރީ ހިމެނޭހެން ހުރިހާ ފަރާތްތަކުގެ މުސާރަ ޕޭހަމަނައިޒޭޝަންގެ ތެރެއިން ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި މަހުން ފެށިގެން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.