ރާއްޖެއާއި ފަލަސްޠީނު ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގެ ސުވެނިއަރ ޓިކެޓް ވީހާވެސް ގިނަ ބަޔަކު ގަނެ ފަލަސްޠީނު ޓީމަށް އެހީވުމަށް ވަޒީރު އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ރާއްޖެއާއި ފަލަސްޠީނު ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގެ ސުވެނިއަރ ޓިކެޓް ވީހާވެސް ގިނަ ބަޔަކު ގަނެ ފަލަސްޠީނު ޓީމަށް އެހީވުމަށް ވަޒީރު އެދިވަޑައިގެންފި

ރާއްޖެއާއި ފަލަސްޠީނު ބައްދަލުކުރާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ސުވެނިއަރ ޓިކެޓް ގަނެ، ފަލަސްޠީނުގެ ޓީމަށް އެހީތެރިވުމަށް ރައްޔިތުންނަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ގޮވާލައްވައިފިއެވެ.

މިމަހުގެ 13 އަދި 15 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗަކީ ފަލަސްޠީނަށް އެހީވުމުގެ މަގްސަދުގައި ފުޓްބޯލް އެސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ މެޗުތަކެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މިއީ ރާއްޖޭގެ ރައްޔިތުންނަށް ފަލަސްޠީނުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި ސުވެނިއަރ ޓިކެޓް ގަނެގެން ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމަށް އެހީތެރިވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އޭޝިއަން ކަޕު ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކުގެ ކުރިން ރާއްޖޭގެ ޤައުމީ ޓީމަށް މި މެޗުތައް ވެގެންދާނީ އަގުހުރި ތަޖުރިބާ ލިބިގެންދާނެ މެޗުތަކަކަށް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އޭޝިއަން ކަޕު ކޮލިފައިންގެ މެޗުތައް މިމަހުގެ 22 ވަނަ ދުވަހު ތައިލޭންޑްގެ ޗޮންބުރީގައި ފަށާނެއެވެ.

ފަލަސްޠީނުގެ ޓީމަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޓިކެޓް ވިއްކުމުގެ މަގްސަދަކީ ދެކަމެއް ހާސިލުކުރުން ކަމަށެވެ. "އަޅުގަނޑު އެދެނީ ފަލަސްޠީނު ޓީމަށް އެހީތެރިވުމުގެ ގޮތުން ނަމަވެސް އަޅުގަނޑުމެން ރަމްޒީ ޓިކެޓެއް ވިއްކާގޮތަށް މިއޮތީ ހަމަޖެހިފަ. އެފްއޭއެމްއިން އެގޮތަށް އިއުލާންކުރައްވާފަ އޮތީ. ދެކަމެއް އަޅުގަނޑުމެންނަށް ހާސިލްވެގެންދާކަމަށް އަޅުގަނޑު ދެކެނީ. އެއްކަމަކީ ފަލަސްޠީނުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުން. އަނެއްކަމަކީ ރަނގަޅު ފުޓްބޯޅަ މެޗެއް ބަލާލަންވެސް ފުރުސަތު ލިބުން" ވަޒީރު ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމަށް އެހީތެރިވުމުގެ ގޮތުން އެފްއޭއެމްއިން ވަނީ ދެ ބާވަތެއްގެ ސުވެނިއަރ ޓިކެޓް ތަޢާރަފުކޮށްފައެވެ. އެއީ 1000 ރުފިޔާއަށް ވިއްކާ 50 ޓިކެޓް ހިމެނޭ ސްވެނިއަރ ޕްލެޓިނަމް ޓިކެޓާއި، 500 ރުފިޔާއަށް ވިއްކާ 200 ޓިކެޓް ހިމެނޭ ސްވެނިއަރ ގޯލްޑް ޓިކެޓެވެ. މި ޓިކެޓްތައް މާދަމާއިން ފެށިގެން އެފްއޭއެމްއިން ވިއްކަމުން ގެންދާނެއެވެ.

މިއަދު އޮންލައިން