ޢަލީ އިޙްޞާން ފިރާޤް
އަލަޔަސްޢު ޢަލައިހިއްސަލާމް:
اليسع عليه السّلام އަކީ އަރަހުށި މާތްالله سبحانه وتعالى ބަނީއިސްރާއީލު ބާގައިގެ މީސްތަކުންގެ ގާތަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ إلياس عليه السّلام ގެ ފަހުންކަމުގައި ތާރީޚު ޢިލްމުވެރިން ލިޔުއްވައިފައިވެއެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ދެފަހަރަކު ނަބީބޭކަލުންގެ ނަންފުޅުތަކާއެކު ބަޔާން ކުރައްވައިފައިވެއެވެ.
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. إبن إسحاق رحمه اللّـه ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ اليسع بن أخطوب އެވެ. ابن عساكرވިދާޅުވާގޮތުގައި އެކަލޭގެފާނަކީ، الأسباط بن عدي بن شوتلم بن أفراثيم بن يوسف بن يعقوب بن إسحاق بن إبراهيم الخليلއެވެ. އަދި ބުނެވިފައިވެއެވެ. اليسع عليه السّلام އަކީ إلياس عليه السّلام ގެ ބޮޑުބޭބޭފުޅުގެ ދަރިކަލެކެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 285- 286}
ކީރިތި ޤުރްއާނުގައި:
اليسع عليه السّلام ގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ އެހެން އެއްވެސް ތަފްޞީލެއްނެތި ހަމައެކަނި ނަންފުޅެވެ. އެކަލޭގެފާނުގެ ސީރަތުގެ އެއްވެސް މިންވަރެއް ޤުރްއާނުގައި ބަޔާން ކުރައްވައިފައެއްނެތެވެ. ޤުރްއާނުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާންކުރައްވައިފައިވަނީ ތާރީފު ކުރުމުގެ ޢިބާރާތުންނެވެ. އެގޮތުން އަންޢާމު ސޫރަތުގެ 86 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾
މާނައީ: "އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، يونس ގެފާނާއި، لوط ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު عالم ތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ."
މިދެންނެވި ސިފަފުޅުގެ އިތުރުން ޞާދު ސޫރަތުގައި މާތް الله سبحانه وتعالى، اليسع عليه السّلام ސިފަ ކުރައްވާފައިވަނީ ހެޔޮލަފާ ޞާލިޙުބޭކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ ޞާދު ސޫރަތުގެ 48 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ﴿٤٨﴾
މާނައީ: [އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ.]
ތާރީޚުގައި އަލްޔަސަޢުގެފާނުގެ ވާހަކަ އައިސްފައިވާ ގޮތް:
حسن البصري رحمه اللّـه ގެ އަރިހުން قتادة ރިވާކުރައްވައިފައިވާކަމަށް علامة إبن كثيرލިޔުއްވައިފައިވެއެވެ. [اليسع عليه السّلام ނަބީކަމާއިގެން ފޮނުއްވުނީ إلياس عليه السّلام ގެ ފަހުންނެވެ. އެކަލޭފާނު ގޮވައިލެއްވީ إلياس عليه السّلام ގެ ޝަރީޢަތުގެ މައްޗަށެވެ. އެކަލޭގެފާނު އަވަހާރަވެއްޖެއުމަށް ދާންދެން އެގޮތުގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ ޢާންމުވެއްޖެއެވެ. އަނިޔާވެރިކަން އިތުރުވެއްޖެއެވެ. އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބިއްޔުންނާއި ރަސޫލުން ޤަތުލުކުރަންފެށިއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 285}
شيخ الإسلام ابن تيمية ލިޔުއްވި الجواب الصحيح އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. [ޔަހޫދީން އެބައިމީހުންގެ ފޮތްތަކުގައި ލިޔެފައިވެއެވެ. اليسع عليه السّلام އަށް މާތްﷲ ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި ﷲ ގެ އިޒުނަފުޅާއިއެކު މަރުވެފައިވާތަކެތި ދިރުއްވުމާއި، ކަނު މީހުންނާއި ޖުޒާމްބަލިޖެހިފައިވާ މީސްތަކުން ރަނގަޅުކޮށްދެއްވުން ހިމެނެއެވެ. އެކަލޭގެފާނަށްޓަކައި އުރުދުންގެ ކޯރުގެފެންގަނޑު ހިއްކަވައިދެއްވިއެވެ. އެއީ އެކަލޭގެފާނު އެކޯރު ހުރަސްކުރެއްވުމަށްޓަކައެވެ. މިއީ ކިހާ ޞައްޙަ ވާހަކައެއްކަމެއް ނޭނގެއެވެ. ވާހަކަ ބަޔާންވެފައި އެވަނީ ޔަހޫދީންގެ ފޮތްތަކުންނެވެ. ޔަހޫދީން ވަނި އެބައިމީހުންގެ ފޮތްތައް ބަދަލުކޮށްފައެވެ.] { ينظر " الجواب الصحيح " لابن تيمية (4/451-452)}
اليسع عليه السّلام ގެ ސީރަތާމެދު ތާރީޚުގެ ފޮތްތަކުން ފެންނަނީ ހިމޭންކަމެކެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
- އިސްލާމީ ތާޜީޚް އުނގެނޭ ދަރިވަރުންގެ މަޢުލުމާތަށް-