ހަސަދައާ އެސްފީނާއިން ސަލާމަތްނުވެވޭ އެންމެ ބޮޑު ސަބަބަކީވެސް ހިފަހައްޓަންޖެހޭ ތިމާގެ އަމިއްލަ ސިއްރުތައް ނުހިފެހެއްޓޭކަން! މިއީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއެއް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ހަސަދައާ އެސްފީނާއިން ސަލާމަތްނުވެވޭ އެންމެ ބޮޑު ސަބަބަކީވެސް ހިފަހައްޓަންޖެހޭ ތިމާގެ އަމިއްލަ ސިއްރުތައް ނުހިފެހެއްޓޭކަން! މިއީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއެއް ނޫންތަ؟

ދިރިއުޅެވޭނީ މީހުންނާއި ގުޅިގެންނެވެ. އިތުބާރުވެސް ކޮށްގެންނެވެ. ނަމަވެސް ވަކިވަރަކަށެވެ. ވަކި ކަންކަމުގައެވެ. ހުރިހާ ކަމެއްގައެއް ނޫނެވެ. އަދި އިމެއް ނެތިއެއްވެސް ނޫނެވެ.  

"ޝައިޚް އެވެ. މިއުޅެނީ މިވެނި ރައްޓެސކަށް އަހަރެންގެ މިވެނިކަމެއް އެނގުނުފަހުން މުޞީބާތުން ސަލާމަތް ނުވެވިގެންނެވެ. ދަތިތަކުން އަރައި ނުގަނެވިގެންވެ. ޢާއިލާގެ މިވެނި މީހަކު އަބަދު އުޅެނީ ހަސަދަ ލައިގެންނެވެ. ދިރިއުޅުމުގައި އުފާވެރިކަމެއް ނެތެވެ. ދިރިމެއް ނެތެވެ. ދެން ހަދަންވީ ކިހިނަކުންތޯ؟" މިއީ އެންމެ ގިނައިން ލިބޭ އެއް ޝަކުވާއެވެ.  

މައްސަލައަކީ ހަދަންވީ ގޮތް އަބަދު ކިޔައިދިން ނަމަވެސް ސަމާލުކަން ނުދެވޭ ކަމެވެ. ކޮންމެ ފަހަރަކުހެން އާދޭސްކޮށްފައި މިބުނަނީ ފެންނަ ހުވަފެންތަކާއި ކުރަން އުޅޭހައި ކަންކަމާއި ބައިވެރިޔާގެ ރަނގަޅުކަމާއި ފުދުންތެރިކަން ހުންނަވަރާއި މިފަދަ ކަންކަން އަމިއްލަ ޢާއިލާގެ މީހުންނަށްވެސް ކިޔައި ނުދޭށެވެ. ރައްޓެހި ރަހްމަތްތެރިންނަށް ވެސް ކިޔައި ނުދޭށެވެ. ކިޔައިނުދޭންވީ ރައްޓެހި ރަހްމަތްތެރިން ނުވަތަ ޢާއިލާގެ މީހުން ހަސަދަވެރިވެރިވެދާނެތީ އެކަންޏެއް ނޫނެވެ.  

ފަހަރެއްގައި އެމީހުން ހަސަދަވެރި ނުވެދާނެއެވެ. އަދި ހަސަދަވެރިވެ ވެސް ދާނެއެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭން މިޖެހެނީ ޝައިޠާނާގެ ހުރި ޢަދާވާތްތެރިކަމުން ސަލާމަތްވުމަށެވެ. އަނެކާގެ ހިތަށް ޙަސަދަވެރިކަން ވައްދުވާނެތީ އެކަމުން ސަލާމަތްވުމަށެވެ.   

މިފަދަ ވާހަކަތައް ބަޔާން މިކުރަނީ މިކަމުގެ ހެކި ކީރިތި ޤްރުއާނުން ފެންނަން ހުރުމުންނެވެ. ޔޫސުފް ސޫރަތުގެ 4،އަދި 5 ކިޔާށެވެ.  

"ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިއާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ." (ޔޫސުފް: 4) 

ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތަޢްބީރު  ނަބިއްޔާ ޔަޢްޤޫބްގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެނގިވަޑައިގަތުމާއިއެކުވެސް އަމިއްލަފުޅު ދަރިކަލުން ޔޫސުފްގެފާނަށް ވެސް ވިދާޅުވެ ނުދެއްވީއެވެ. ހަމަ އެއާއިއެކު އިންޒާރު ދެއްވެވީ ބޭބެއިންނާއިމެދު ސަމާލުވެވަޑައިގަތުމަށެވެ.  

ޝައިޠާނާ ފިތުނަ އުފައްދުވާނީ ބޭބެއިން މެދުވެރިކޮށްކަން ޔައްޤޫބްގެފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. އެކަން އެންމެފަހުން ވެގެންދިއައީ ވެސް ހަމައެ ގޮތަށެވެ.  

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، ޝައިޠާނާ އަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ ޢަދާވާތް ތެރިއެކެވެ."

(ޔޫސުފް: 5) 

މީސްތަކުންނޭވެ.. އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން ކޮންމެހެން އަންގަން ޖެހޭ މިންވަރުގެ އިތުރުން ހަމަ އެއްވެސް މީހަކާއި ކަންކަން ހިއްޞާ ނުކުރާށެވެ. ދެމެދަށް ޝައިޠާނާ ވަދެގެނެ، ހީލަތްތެރި ރޭވުމެއް ރާވައި ބޮޑު ގެއްލުމެއް ދީފާނެ ކަމުގެ ބިރުވެރިކަން އޮތް މިންވަރު ބޮޑުކަމުންނެވެ. ފިތުނައިގެ ސަބަބުން މުޅި ދިރިއުޅުންވެސް ހަލާކުވެގެން ހިނގައިދާނެ ކަމަށްޓަކައެވެ.  

މީސްތަކުންގެ ނުބައިކަން މިހައި ބޮޑުވުމުން ޝައިޠާނާއަށް ވަނީ އިތުރު ހިތްވަރު ލިބިފައެވެ. އެހެންކަމުން ޝައިޠާނާ ވަނީ އޭނާގެ މަސައްކަތް މެކްހަށް ޖައްސައިފައެވެ. މިފަދަ ހާލަތެއްގައިވާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަމަކީ ޝައިޠާނާގެ ޢަދާވާތްތެރިކަމުން ސަލާމަތްވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން