ބައެއް ފިރިހެނުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ގިނަ ބައަކާއި ގުޅުން އޮންނަ، އެކުއްޖަކަށް ގިނަ ބައަކު ޝައުޤުވެރިވާ އަންހެންކުއްޖަކު ތިމާއަށް ކާމިޔާބުކުރެވިއްޖެނަމަ އެއީ ތިމާއަށް ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެހެން އެންމެންނަށްވުރެ ތިމާ މޮޅުވީ ކަމަށެވެ. ހަމަ މިގޮތަށް ވިސްނާ އަންހެނުންވެސް ތިބެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ނުރަނގަޅު ވިސްނުމެކެވެ. އެހެން މީހުންނަށްވުރެ ބޮޑަށް ތިބާ އޭނާއަށް ސަމާލުކަން ދިނުމުން، ނުވަތަ ތިބާގެ ތަނަވަސްކަން ބޮޑުވުމުން އެކުއްޖާ ތިބާއާއި ކައިވެނިކޮށްފާނެއެވެ.
ކައިވެނިކުރުމަކުން އަދި އެއީ އެކުއްޖާ ތިބާއަށް ލިބުނީއެއް ނޫނެވެ. އެލިބެނީ އެކުއްޖާގެ ކައިވެންޏެވެ. އެފަދަ ކުދިން، އެކުދިން ހޯދަން ފަހަތުން ދުވަމުން އައި މީހުންގެ މަތިން ހަނދާން ނައްތައެއް ނުލާނެއެވެ. ވަރަށް މަދު ކުއްޖަކު ނޫނީ ކޮންމެވެސް ސިފައެއްގައި އެއެންމެންނާއިވެސް ކޮންމެވެސް ފެންވަރެއްގައި ގުޅުން ބާއްވާނެއެވެ.
އެކަމުގެ ނަތީޖާއަކަށްވާނީ ފިރިމީހާއަށް ޖެހިލުން ނުވުމެވެ. ވަރިކޮށްފާނެތީ ކަންބޮޑު ނުވުމެވެ. މިއީ ގިނަ ކައިވެނިތައް އެންމެ ފަސޭހައިން ރޫޅެން މެދުވެރިވާ އެއް ސަބަބެވެ.
ކައިވެނި ދެމެހެއްޓޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް ޖެހިލުންވެގެންނެވެ. ވަރިކޮށްފާނެތީ އަނބިން ޖެހިލުންވާން ޖެހޭނެއެވެ. އަދި ވަރިވެދާނެތީ ފިރިމީހާވެސް ޖެހިލުންވާންޖެހެއެވެ. މިކަން މިގޮތަށް ނެތްނަމަ ކައިވެނީގެ މުހިންމުކަމެއް ނުއޮންނާނެއެވެ. މިފަދަ ކަންކަމުގެ ޙައްލަކަށް އޮތްގޮތް ކަމަށް އަހުރެން ބުނާނީ ކައިވެނިކުރާއިރު އަންހެނުންވެސް އަދި ފިރިހެނުންވެސް މިކަމަށް ސަމާލުކަން ދިނުމެވެ.
ޒަވާޖީ ޙަޔާތަކަށް މުހިންމީ ގިނަ ބައަކު ކަޅިއަޅާ، ގިނަ ބައަކު ޝައުޤުވެރިވާ އަދި އެންމެ ޑިމާންޑް ބޮޑު އަންހެނަކު ނުވަތަ ފިރިހެނެއް ނޫނެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދަން ބޭރުތެރެއަށް ނުނުކުމެ ގޭގައި އިންނަ އަންހެނެކެވެ. ނުވަތަ އެފަދަ ފިރިހެނެކެވެ.
ދެން މިހިސާބުން އެއީ ކީއްވެގެންކަން ދީނީ ގޮތުން ބުނެލާނަމެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެން ހުންނަނަމަ އެމީހެއްގެ "ޑިމާންޑް" ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުވެގެންދާނެތީއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޮޑުވާނެތީއެވެ. އެކަމުގެ ސަބަބުން ޒަވާޖީ ޙަޔާތް ކާމިޔާބުވެ އުފާވެރިކަން ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން