ޢިބްރަތްތެރި ވާހަކަ: އެކަނިވެރިވާންޖެހުނީމަ ހުރިހާ ސަމާލުކަމެއް އަޅުކަމަށާ މަސައްކަތަށް ދިން ނިކަމެތި އަންހެނަކަށް ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ޢިބްރަތްތެރި ވާހަކަ: އެކަނިވެރިވާންޖެހުނީމަ ހުރިހާ ސަމާލުކަމެއް އަޅުކަމަށާ މަސައްކަތަށް ދިން ނިކަމެތި އަންހެނަކަށް ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އެކަނިވެރި މައަކަށް ވާންޖެހިއްޖެނަމަ، ޚާއްޞަކޮށް ދަރިން ތިބިނަމަ ދަތިތައް ކުރިމަތިވެ ދިރިއުޅެން މާޔޫސްވުމުން ކަންކަން ކުރާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެކަނިވެރިމައަކު މާއުފާވެރި ދިރިއުޅުމެއް ހޯދި ގޮތުގެ ވާހަކައެވެ.

އަޅުގަނޑަކީވެސް އުމުރުން 20 އަހަރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެންޏަށް 20 އަހަރު ފުރުނުއިރު 4 ދަރިން ވަނީ ލިބިފައެވެ. އެހިސާބުން ފިރިމީހާއަށް އަޅުގަނޑު ކަމުނުދާންފެށިއެވެ. އަޅުގަނޑަށް ކުރެވޭ ކުށްތައް ފެނުން ގިނަވިއެވެ. އެންމެފަހުން އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ޙާލަތަށް ކަންކަން ދިއައެވެ.

އެހިސާބުން ދެން އެހެން އެއްވެސް ގޮތެއް ނެތުމުން އަޅުގަނޑު އެދުނީ ވަރިކޮށްދިނުމަށެވެ. ދަރިންކޮޅުވެސް އަޅުގަނޑަށް ދިނުމަށެވެ. ދަރިންނަށް ޚަރަދުކުރަން ބޭނުން ނޫންނަމަ ޚަރަދު ނުކުރި ނަމަވެސް އެންމެ ރަނގަޅުކަމަށްވެސް ބުނީމެވެ.

ހީވީ އަޅުގަނޑު ނުއެދިގެން ވަރިނުކޮށްހުރީހެންނެވެ. އެވާހަކަ ބުނިތާ 3 ވަނައަށް ދުވަހު ވަރިކޮށްފިއެވެ. ވަރިކުރުމުން ދަރިންކޮޅު ގޮވައިގެން ދިއައީ މަންމަގެ ގާތަށެވެ. މަންމަ އާއި ކުރިންވެސް މަޝްވަރާކުރަމުން އައިސްފައިވާތީ މަންމަ އަޅުގަނޑާއި ހަތަރު ދަރިންނަށް މަރުޙަބާ ކިޔެވެ.

އަޅުގަނޑު މަންމަ ގާތަށް ދިއައީ އަތުގައި އެންމެ ރުފިޔާއެއްވެސް ނެތިއެވެ. ފިރިމީހާ ގާތު ރުފިޔާއަކަށް ނުވެސް އެދެމެވެ. އަޅުގަނޑު ހުރިހާ ކަމެއް ވަކީލްކުރީ ﷲ ތަޢާލާއަށެވެ.

ހަމަ އެރޭ މަސްވެރިން މަހުން އައުމުން މަސްކައްކާ ގެއަކަށް ގޮސް އެމީހުން ބޭނުން ނުކުރާނަމަ ކަށިފަތި އުކާނުލައި އަޅުގަނޑަށް ދިނުމަށް އެދުމުން އެމީހުން ވަރަށް ހެޔޮހިތުން އަޅުގަނޑަށް ގެންދާނެ ވަރަކަށް ގެންދަން ދިނެވެ. އަދި ކޮންމެ ރެއަކުވެސް ބަލާ އައުމަށް ބުންޏެވެ.

ބަރޯފުރެންދެން ކަށިފަތްޗާއި، ކަންފަތް، ބޯފަދަ ތަކެތި ހިފައިގެންގޮސް ރިހާކުރު ކެއްކީއެވެ. ފުރަތަމަ ދުވަހުވެސް 300 ރުފިޔާ ލިބުނެވެ. އެހިސާބުން އަޅުގަނޑު ދިރިއުޅެންކުރާ މަސައްކަތަކަށް ހެދީ ރިހާކުރު ކެއްކުމެވެ.

އަޅުގަނޑު ވަރަށް ބޮޑަށް ވިސްނީމެވެ. ކޮންމެހެން ޚުޝާމަދުކުރާކަށް ނޫނެވެ. އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މިއަދުނޫހުން އަޅުގަނޑުކިޔާ ލިޔުންތަކުންނެވެ. ކޮންމެ ދަތިޙާލަކާއިއެކު ރަޙްމަތެއްވާނެ ކަމަށް ކިޔާފައިވާ ލިޔުންތަކުންނެވެ. ދަތިޙާލެއް ކުރިމަތިވެއްޖެ ނަމަ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވާން މަސައްކަތްކުރަން ކިޔާފައިވާ ލިޔުންތަކެވެ.

އަޅުގަނޑު ސާބިތުވީ އެގޮތުގައެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރީމެވެ. 8 ރަކްޢަތް ހަމަކޮށް ދަމުނަމާދުކުރަންފެށީމެވެ. ވިތުރިގެ 3 ރަކްޢަތާއިއެކު 11 ރަކްއަތް ކުރަންފެށީމެވެ. އަދި ކެނޑިނޭޅި ޛިކުރުކުރަން ފެށީމެވެ. އަޅުގަނޑަށް އުފާވެރިކަން ދެއްވެވުން އެދި ދުޢާކުރީމެވެ.

ނަތީޖާ މިއަދު މިވަނީ ފެނިފައެވެ. ވަރިކުރިތާ އަހަރުވީތަނާ އަޅުގަނޑު ކަށިފަތި ހޯދަންދާ ގޭގެ މީހަކާއި މިވަނީ ކައިވެނިކުރެވިފައެވެ. ފިރިމީހާ ބުނީ އޭނާ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވީ އަޅުގަނޑުގެ ސާބިތުކަން ފެނުމުން ކަމަށެވެ. ވަރިކުރުމުން ފުށްޖަހައި ސެންޓުލައިގެން ނުކުމެ ފިރިހެނުން ހޯދަން އުޅުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ދިރިއުޅެން މަސައްކަތްކުރާތަން ފެނުމުން ކަމަށެވެ.

ކުރީގެ ފިރިމީހާއަށް ދެރަ ބަހެއް ބުނަން ބޭނުން ނޫން ނަމަވެސް ބުނަންޖެހެނީ މިހާރު މިއުޅެނީ މާއުފަލުގައި ކަމަށެވެ. ދަރިންވެސް ތިބީ މާއުފަލުގައި ކަމަށެވެ.

މިއަދު އަޅުގަނޑަކީ ހަމަ އެކަނި ރިހާކުރު ކައްކާ އަންހެނަކީމެއް ނޫނެވެ. މަސްކައްކާ ހިއްކައި ވެކިޔުމްކޮށް ވިއްކަން މާލެ ފޮނުވާ އަންހެނަކީމެވެ. ފިރިމީހާ ވަނީ އަޅުގަނޑުގެ ހަށިގަނޑށް ބުރައަކަށް ނުވެ އެކަންކަން ކުރެވޭނެ މަގު ފަހިކޮށްދީފައެވެ. މިއަދު އަޅުގަނޑަކީ ޚަރަދުތައްކޮށް މައިންބަފައިންނަށް އެހީތެރިވެފައިވެސް އަމިއްލަ މަސަކަތުން މަހަކު ހާހުން އާމްދަނީ ލިބޭ އަންހެނަކީމެވެ. އިން ޝާ ﷲ

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަޅުގަނޑުގެ އުޚުތުންގެ ގާތުގައި ބުނެލަން އޮތީ ދިރިއުޅުމުން އުފާވެރިކަން ގެއްލިއްޖެނަމަ އަނިޔާލިބެން މަޑުން ނުތިބޭށެވެ. ހިތްވަރާއިއެކު ކުރިމަތިލުމުން މަގުދައްކަވާނެ ކަމަށެވެ. އަޅުގަނޑުގެ މިވާހަކަކޮޅުން އެންމެ އުޚުތަކަށް ނަމަވެސް ޢިބްރަތެއް ޙާޞިލުވެއްޖެނަމަ އަޅުގަނޑުގެ ވާހަކަކޮޅު މިއަދުނޫހާއި ހިއްޞާކުރި މަޤްޞަދު ޙާޞިލުވީއެވެ.

 

 

- ޒުލްފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

 

 

 

މިއަދު އޮންލައިން