އަބަދުވެސް ބުނާހެން ދިރިއުޅުން މިކިޔަނީ ހަމައެކަނި ހިތްހަމަޖެހިގެން އުޅުމަކަށް ނޫނެވެ. ދިރިއުޅުން ދިރިއުޅުމަކަށްވާނީ ދިރިއުޅުމުގެ މަރުހަލާތަކުގައި އަބަދުވެސް ތަފާތު ޙާލަތު ކުރިމަތިވުމުންނެވެ. ތަފާތު މަރުހަލާތަކުގައި ކުރިމަތިވަމުންދާނީ ތަފާތު ކަންކަމެވެ. އެއިގެ ތެރެއިން މިފާހަގަކޮށްލެވޭ ކަންތަކާއިމެދު ފުންކޮށް ވިސްނައިލަމާހެއްޔެވެ؟
ފުރަތަމަ ކަމަކީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ނުބެހެއްޓި ނަމަވެސް ﷲ ތައާލާ ބައެއް މީހުންނަށް ބޮޑެތި ނިޢްމަތްތައް ދެއްވަވައެވެ. އެހެންކަމާއިއެކު ވެސް އެންމެ ކުޑަމިނުން އޮންނަނީ "ޝުކުރު އަލްޙަމްދުލިﷲ" ވެސް ބުނެ ނުލެވިފައެވެ. އަހަރެމެންނަށް ކަން ކުރެވެނީ މިފަދައިން ނަމަވެސް ކިރިޔާވެސް ހިތް ދަތި ކަމެއް ކުރިމަތިވެއްޖެނަމަ ﷲ ތަޢާލާ އާއި ޝަކުވާކުރެއެވެ. "މިހާލު އަޅާއަށް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ؟ އަޅާގެ ކުށަކީ ކޮބައިތޯ؟ ވެސް ސުވާލުކުރެތެވެ.
މިކަމަކީ މީގެ ޤަރުނުތަކެއް ކުރިން ފެށިގެން ކްރިސްޓިއަނުންގެ ފައްޅިތަކުގައި ހިނގަމުން އައި ކަމެކެވެ. އާދިއްތަ ދުވަސް ކީއްކުރަން، އުމުރުގެ އެއްވެސް ދުވަހަކު ލޮލުން ފައްޅިއެއްގެ އތެރެ ނުދެކޭ މީހުންނަޥެސް އެމީހަކު ނުރުހޭ އެއްވެސް ކަމެއް ކުރިމަތިވެއްޖެ ނަމަ ދުވެފައި ފައްޅިއަށް ދެއެވެ. އަދި އެހިތްދަތިކަން އޭނާއަށް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ ސުވާލުކުރެއެވެ؟ ވަރަށް ބޮޑަށް ޝަކުވާ ކުރެއެވެ.
މިބުނި މައްސަލަ ފައްޅިތެރެއިން މިހާރު ވަނީ ބޭރުވެފައެވެ. މިސްކިތްތަކަށް ސުވާލެއްގެ ގޮތުގައި މައްސަލަ ވަދެއްޖެއެވެ. ކުރިމަތި ކުރުވަނީ ހަމަ އެ ސުވާލުތަކެވެ. މިވެނި މުޞީބާތެއް ކުރިމަތި ލކުރެވެވީ ކީއްވެގެން ހެއްޔެވެ؟ މިވެނި ކަމަކަށް އެދި ކުރާ ދުޢާ އިޖާބަ ނުކުރައްވަވައި ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ކްރިސްޓިއަން ފައްޅިތަކުގައި މިފަދަ ކަންކަމުގައި މިފަދަ ސުވާލުތައް ހިފައިގެން އިމާމުން ގާތަށް ގޮސް އުޅެނީ، މިސްކިތަށް އައިސް އުލޭ 99 އިންސައްތަ މީހުންނަކީ ކުރިން މިސްކިތް ނުދެކޭ މީހުންނެވެ. އެއްވެސް އިމާމަކާއި ބައްދަލުކުރަން ބޭނުން ނުވި މީހުންނެވެ.
މީސްތަކުންނޭވެ! އަޑަށް ލެވެން އޮތްހައި ބާރެއް ލާފައި ބުނަމެވެ. މިބާވަތުގެ ސުވާލުތަކަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ސުވާލުތަކެވެ. އެއީ މީހަކު ކުރެން އެހުމުގެ އިތުރުން ޚުދު ތިމާގެ އަމިއްލަ ނަފްސާއިވެސް ކުރެވިގެންވާނެ ސުވާލުތަކެއް ނޫނެވެ.
އެހެނީ ތިބާއަށް ދެއްވަވާފައިވާ އެއްވެސް ނިޢްމަތަކީ ތިބާގެ އަމިއްލަ ޙައްޤެއް ނޫނެވެ. ތިބާ ތަންތަން ތިއަ ބަލަނީ ލޮލުންނެވެ. އެކަމުގެ ބަދަލުގައި ﷲ ތަޢާލާއަށް ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟ އެންމެކުޑަމިނުން އިރު އަރައި އިރުއޮއްސިގެންދާއިރު ކީރިތި ޤްރުއާނުން އާޔަތެއް އެ ލޮލުން ބަލައިގެން ކިޔަވާލައި އެ އާޔަތުގެ ތަފްސީރު ކިޔައިލެވޭ ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާ ދެއްވެވި ލޮލުގެ ފެނުން އަނބުރައި ގެންދެވުމުން ކުރެވެން އޮތީ ކޮން ސުވާލެއް ހެއްޔެވެ؟
މިބުނެދިނީ ވަރަށް އާދައިގެ މިސާލެކެވެ. އިތުރަށް ހުރި ކަންކަމާއިމެދު އަމިއްލައަށް ވިސްނައިލުމުން ވެސް އެނގޭނެތީ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ނުދެއްކީއެވެ. މިފަދަ ކަންކަމަށް ވިސްނާށެވެ! ތައުބާވެ ތެދުމަގު އިޚްތިޔާރުކުރާށެވެ. މިންވަރަށް އީމާން ނުވާ މީހުންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގެން ނުވެއެވެ. އެއިގެ ބަދަލުގައި ކެތްތެރިވާ މީހުންނަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އެއް ބައެކެވެ. ﷲ ތައާލާ، ތިމަން ﷲ ވޮޑިގެންވަނީވެސް ކެތްތެރިންނާއިއެކުގައި ކަމަށް ވަޙީ ކުރައްވަވާފައި އޮތް ބަސްފުޅުން މިކަމަށް ދަލީލު ލިބިގެން ނުދޭ ހެއްޔެވެ؟
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން