އަޅުގަނޑަށް ލިބިފައިވަނީ ވަރަށް ކުޑަކުޑަ ބިންކޮޅެކެވެ. ދަރިން ގިނަވެ ދިރިއުޅެވެން ނެތިގެން 4 ބުރިއަށް ގެއެއް މިއެޅީ އިސްލާމީ ބޭންކުގެ އެހީގައެވެ. އެންމެ ތިރީގައި ހެދީ ފިހާރައެކެވެ. ފިހާރަ މިހިންގުވަނީ އަނބިމިހާ ލައްވައެވެ. ބޭނުމަކީ ފިހާރައިން ލިބޭ އެއްޗެއް އެކުގައި ބޭންކަށް ދައކައިގެންވެސް ގެ އަވަހަށް މިލްކުކުރުމެވެ.
ފިހާރަ ހުޅުވި ތަނުން އަވަށްޓެރިންގެ 2 މީހަކު މޫނުކުނިކޮށްފިއެވެ. އެމީހުންނަކީވެސް ވިޔަފާރިކުރާ މީހުންކަމަށްވުމުން އަޅުގަނޑުގެ ފިހާރައިގެ ސަބަބުން އެމީހުންގެ ވިޔަފާރި ދަށްވެދާނެތީއެވެ. އެހެންވެ މިއުޅެނީ ހަދާނެ ގޮތެއް ނުވިސްނިގެންނެވެ.
މިއީ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ކަންބޮޑުވުމެކެވެ. ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެމީހުންނާއިމެދު ނުވިސްނާށެވެ! ދިރިއުޅެން މަސައްކަތްކުރުމުގެ ޙައްޤު އެންމެންނަށްވެސް ލިބިގެންވެއެވެ. ފަތިސްނަމާދަށްފަހު ފިހާރަ ހުޅުވާށެވެ! އެގަޑީގައި ކަސްޓަމަރަކު ނުއަންނަނަމަ ޛިކުރުކޮށް ޤުރްއާން ކިޔަވާށެވެ! ތިބާ ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރާށެވެ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ހެޔޮލަފާ މުސްލިމުން އަވަށްޓެރި ފިހާރަތަކާއިމެދު ޢަމަލުކުރާ ގޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ފުރަތަމަ މިކިޔައިދެނީ ކުޑަކުޑަ ޙާދިސާއެއްގެ ވާހަކައެވެ.
އަހުރެން ކިޔަވަން އުޅުނު ދުވަސްވަރުގައިވެސް ހިލޭ ސާބަހަށް މަސައްކަތްކުރަމެވެ. އެގޮތުން އެއް ދުވަހަކު އެކުވެރިއަކު ޙިޖާބް ވިއްކާ ފިހާރައަކަށް ދިއައިމެވެ. އެއީ ހެނދުނުގެ ވަޤުތެކެވެ. މީހަކު އައިސް އެތަނުގައި ހުރި އެންމެ އަގުބޮޑުބާވަތުގެ ޙިޖާބެއް ގަންނަން އުޅުމުން މަޑުކޮށްލަން ބުނެފައި ދުރަށްގޮސް އޭނާކުރީ ފޯނުކޯލެކެވެ.
ފޯނުކޯލަށްފަހު ކަސްޓަމަރު ގާތުބުނީ ކުރިމަތީގައި ހުރިފިހާރައަށްގޮސް ހަމައެހެދުން ގަތުމަށެވެ. ހަމަ އެއް ފޭރާމެއްގެ ހަމައެހެދުން ހަމައެއް އަގަކަށް ގަންނަން ލިބޭނެ އިންތިޒާމް ވާނީ ހަމަޖައްސާފައިކަމަށެވެ.
ކޮންމެއަކަސް އޭނާ އެކަމަށް ރުހިގެން އެފިހާރައަށް ދިއުމުން އެކުވެރިޔާ އެކަން އެގޮތަށް ކުރީ ކީއްވެގެންތޯ ސުވާލުކުރީމެވެ. އެކުވެރިޔާގެ ޖަވާބު އަޑުއަހާށެވެ! "ފިހާރަހުޅުވިފަހުން މިއަދުވެސް އެތައް ބައަކު މިފިހާރައިން ވިޔަފާރިކޮށްފިއެވެ. އެފިހާރައަށް އަދި އެންމެ ކަސްޓަމަރަކުވެސް ނުވަދެއެވެ. އޭނާވެސް ކައިބޮއިހަދަންވާނެ ނޫންހެއްޔެވެ؟ އެހެންވީމާ އޭނާއަށް ދުވަހުގެ ފެށުން ރަނގަޅުކޮށްލުމަށްޓަކައި ކަސްޓަމަރަކު ދިނީއެވެ. އެކަން އެގޮތަށް ކުރުމަކުން އަހުރެންގެ ސޭލްސް ދަށެއް ނުވާނެއެވެ. ވާނީ މައްޗެވެ. އިން ޝާ ﷲ"
މިއަދު އަހުރެމެންގެ ޙާލަތު މިހުރީ ކިހިނަކުން ހެއްޔެވެ؟ ތިމާގެ ފިހާރަ ހުންނަ ސަރަޙައްދުގައިވެސް އެހެން މީހަކު ވިޔަފާރިކުރާކަށް ނުރުހެވެއެވެ. ސަރަޙައްދުން ވިޔަފާރިކުރާ އެންމެން ވަންނަން ޖެހޭނީ ތިމާގެ ފިހާރައަށް ކަމަށް ޤަބޫލުކުރެވި އަބަދުވެސް ހުންނަނީ ޙަސަދަވެރިވެގެންނެވެ.
ދުނިޔެއަށްވުރެ ބޮޑަށް އާޚިރަތަށް ނުއެދެވޭނަމަ އެއްވެސް މީހެއްގެ ހިތެއް ނުފުރޭނެއެވެ. ފިހާރައަށް އަބަދު މީހުން ވަދެ ވިޔަފާރިކުރިނަމަވެސް ހިތެއް ނުފުރޭނެއެވެ. ކޮންމެ ދުވަހަކު މިލިއަނުން ވަތްގަނޑަށް ފައިސާ ވަންނަމަވެސް ހިތެއް ނުފުރޭނެއެވެ. ހިތްފުރޭނެ ހަމއެކަނި ގޮތަކީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވާން ދަސްވުމެވެ.
މީސްތަކުންނޭވެ! ވިޔަފާރި ކުރުމުގައިވެސް އަހުރެން މިބުނި މަގުން ވިސްނާށެވެ. ޙިޖާބް ފިހާރަ ހިންގާ އެމީހާ ޢަމަލުކުރި ގޮތަށް ޢަމަލުކުރާށެވެ! އެމީހަކަށް ފުދި އިތުރުވެ އަދި ތަނަވަސްކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން