ޢާއިޝަތު ރަފާޙް ޢަލީ
މައިންބަފައިންގެ ބެލެހެއްޓުމާއި ޚިދުމަތުގައި އުޅުމަށް ގެއިން ނުކުންނަ މީހާއާއި، އަމިއްލަ ފުދުންތެރިކަން ޔަޤީންކުރުމަށް ގެއިން ނުކުންނަ މީހާ، އެހެން މީހުންގެ ގާތުގައި ސަލާންޖެހުމުން ދުރުހެލިވުމަށް މަސައްކަތްކުރާ މީހާ - މިއީ ރަސޫލުﷲ ﷺ ފީ ސަބީލިﷲ (ﷲގެ މަގުގައި) ކަމުގައި ވިދާޅުވި ބައެކެވެ.
އެ ޙަދީޘްފުޅުގެ ނިމުމުގައި އެކަލޭގެފާނު ވިދާޅުވެފައިވަނީ: "އެހެންނަމަވެސް، އޭނާ ނުކުމެގެން ދަނީ ބޮޑާވެ ދައްކާލުމަށް ކަމުގައިވާނަމަ، އެއީ ފީ ސަބީލިއްޝައިޠާނެވެ." އެބަހީ، އެއީ ޝައިޠާނާގެ މަގުގައި ކުރާ ކަމެކެވެ. އެހެންކަމުން، ބޮޑާވެ ދައްކާލުމަށް ގެއިން ނުކުތުން، ނުވަތަ ވަޒީފާއާމެދު ބޮޑާވެ ދައްކާލުން، ނުވަތަ އެނޫންވެސް ކަމަކާމެދު ބޮޑާވެ ދައްކާލުން - ސުބުޙާނަﷲ! އެއީ އެއްގޮތަކަށްވެސް ފީ ސަބީލިއްލާހިއެއް ނޫނެވެ.
މިގޮތުން، އެކަލޭގެފާނު ސާފުކޮށް ބަޔާންކޮށްދެއްވާފައިވަނީ ފީ ސަބީލިﷲއަކީ ކޮބައިކަމާއި ފީ ސަބީލިއްޝައިޠާނަކީ ކޮބައިކަމެވެ. ސުބުޙާނަﷲ! ތިން ބާވަތެއްގެ މީހުންނަށް އެކަލޭގެފާނު ޔަޤީންކަން ދެއްވާފައިވަނީ އެބައިމީހުން ﷲގެ ރައްކާތެރިކަމުގެ ދަށުގައި ވާނެކަމަށެވެ. އަދި އަހަރެން ބޭނުންވަނީ ތިބާ "ﷲގެ ރައްކާތެރިކަމުގެ ދަށުގައި" މި ޢިބާރާތާމެދު ފުންކޮށް ވިސްނުމަށެވެ.
ތިބާ ގެއިން ނުކުމެ، ވަށައިގެން 20 ޖީއެމްސީ ވެހިކަލް، މަތީގައި ހެލިކޮޕްޓަރެއް، އަދި 500 ބޮޑީގާޑުން ތިބޭނެކަމަށް ތަޞައްވުރުކުރާށެވެ. ތިބާއަށް ތިބާ ވަނީ މި މީހުންގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށް ހީވެދާނެއެވެ . ނޫނެކެވެ، އެކަން ހަނދާންނައްތާލާށެވެ. ޙަޤީޤަތުގައި ތިބާ ވާނީ ﷲ ޢައްޒަ ވަޖައްލަގެ ރައްކާތެރިކަމުގެ ދަށުގައެވެ. ސުބުޙާނަﷲ! ތިބާ ގޮސް އެ ތިން ކަންތައް ފުރިހަމަކޮށްފިނަމަ، ރަސޫލުﷲ ﷺ ވަޢުދުވެވަޑައިގެންނެވި ހުރިހާ ޘަވާބެއް ލިބޭނެއެވެ. ތިބާ އެ ކަންތައްތައް ކޮށްފައި މަރުވެއްޖެނަމަ، ތިބާ ސުވަރުގެ ވަންނާނެއެވެ. ﷲ އަކްބަރު!
އޭނާ ނުކުމެގެން ދަނީ އޭނާގެ ދޮށީ މައިންބަފައިން ބެލެހެއްޓުމަށް ކަމުގައިވާނަމަ، އެއީވެސް ﷲގެ މަގުގައެވެ." ތިބާގެ ދޮށީ މައިންބަފައިން ތިބި، އަދި ތިބާ އަބަދުވެސް އެބައިމީހުން ބަލަހައްޓަމުންދާ، ނުވަތަ އެބައިމީހުން ތިބާއާއެކު ދިރިއުޅޭ، އަދި ތިބާ އަބަދުވެސް އެބައިމީހުން ރުހޭތޯ ބަލަމުންދާނަމަ، އެއީވެސް ﷲގެ މަގުގައި ކުރާ ޢަމަލެކެވެ. ސުބުޙާނަﷲ! އެއީވެސް ﷲގެ މަގުގައި ކުރާ ކަމެކެވެ. އަދި ތިބާ ވާނީ އެ ޙަދީޘުގައިވާ ބައިގެ ތެރެއިންނެވެ. އެއީ ތިބާ ވާނީ ﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. ތިބާ ދިރިހުރެއްޖެނަމަ އަޖުރު ލިބޭނެއެވެ. އަދި މަރުވެއްޖެނަމަ ސުވަރުގެ ވަދެވޭނެއެވެ.
އެހެންކަމުން، މި ޙަދީޘަކީ އޭގައިވާ ގޮތަށް ޢަމަލުކުރުމަށް ވަރަށް މުހިންމު ޙަދީޘެކެވެ. އިއްޔެ އަހަރެން ކްލާހެއްގައި ވާހަކަދައްކަމުން އަހަރެންގެ އަޚުންނަށް ބުނީ، މިއީ އަހަރެން ކޮންމެ ދުވަހަކު ގެންގުޅޭ އާދަތަކުގެ ތެރެއިން އެއް އާދައެވެ.
- ޝައިޚް މުހައްމަދް ބާޖޫރް