ޙަޤީޤީ މުސްލިމުންނަކީ އެހެން ދީންތަކުގެ މީހުން، އެމީހުންގެ ދީނަށް ޢަމަލުކުރާތީ ރުޅިއައިސް އެމީހުންގެ ފަހަތުން ދުވާ ބައެއް ނޫނެވެ. ޙަޤީޤީ މުސްލިމުން އެމީހުންނަށްޓަކައި ކުރާނީ ހެޔޮދުޢާއެވެ. އެއީ އެމީހުންނަށްވެސް ތެދުމަގު ދައްކަވައި ދެއްވެވުން އެދިގެންނެވެ.
ދެން މިބުނެލަނީ ދުނިޔޭގެ އެންމެން އިސްލާމްވެއްޖެނަމަ މުޅި ދުނިޔެއިންވެސް ފެންނާނެ ކަންކަމެވެ. އަހުރެންނަށް ބުނެލައިދޭންވީ ބައަކަށް މިނިޢުމަތްތައް ލިބުމުން ކުރާނީ ފައިދާތޯ ނުވަތަ ނޫންތޯއެވެ.
--ދުނިޔޭގެ އެންމެންނަކީ މުސްލިމުން ކަމުގައި ވެއްޖެނަމަ ގެދޮރުނެތިގެން މަގުމަތީގައި އުޅެންޖެހޭނެ ބައަކު ނުތިބޭނެއެވެ. އެންމެން އެކަކު އަނެކަކަށް އެހީތެރިވެދޭނެއެވެ. ސަލާންޖަހަންޖެހޭ ބައަކު ނުތިބޭނެއެވެ. ޒަކާތު ފައިސާއިން ނިކަމެތިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެއެވެ.
--ޢާއިލީ ގުޅުންތައް ބަދަހިވެގެންދާނެއެވެ. ކައިވެންޏާއި ނުލައި ގުޅުން ހިންގުން މަނާވުމުން ފާޙިޝް ޢަމަލުތައް ކުރުން ބޮޑުތަނުން މަދުވެގެންދާނެއެވެ. ޖިންސް ބަދަލުކުރުމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ބޮޑެތި ފާފަތައްވެސް ނެތިގެންދާނެއެވެ.
--މިސްކިތްތައް ފުރިގެންދާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮއްސަވާނެތެވެ. އިން ޝާ ﷲ
--ރިބާގެ މުޢާމަލާތްތައް ނުކުރުމުން ވޯލްޑްބޭންކާއި ހުރިހާ ކޮމާރޝަލް ބޭންކުތައް ބަނގުރޫޓުވެ އުވިގެންދާނެއެވެ.
--ޖުވާކުޅޭތަންތަން ބަނަދުވެ ބަނގުރަލާއި މިޔުޒިކްގެ ދުނިޔެ ނެތިގެންދާނެއެވެ. އެކަމުގެ ސަބަބުންވެސް މީސްތަކުން ކުރާ އިޝްރާފް ޚަރަދުތައް ކުޑަވެ ތަނަވަސްކަން އިތުރުވެގެންދާނެއެވެ.
މުސްލިމުން ކުރިއަރައިދިއުމަށް ކާފިރުން ނުރުހެނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. އިސްލާމް ދީނުގައިވާ މިފަދަ ރަނގަޅު ކަންކަމުގެ ސަބަބުން ޝައިޠޯނާ މާޔޫސްވެގެންދާނެތީއެވެ. ޝައިޠޯނާގެ ދައުރު ދުނިޔެއިން ނެތިގެންދާނެތީއެވެ.
ދުނިޔޭގެ އެންމެން އިސްލާމްވާނެ ދުވަހަކަށް މަޑުނުކުރާށެވެ! ތިބާ ފުރިހަމަ މުސްލިމަކަށްވެ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދިރިއުޅެން ފަށާށެވެ! އެއިރުން ތިބާއަށް ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރެވުނީއެވެ. އިން ޝާ ﷲ
މުސްލިމުން ގިނަވެ ކުރިއަރައިދާތީ ކަންބޮޑުވާ މީހުން އެހާބޮޑަށް ތެޅިފޮޅެނީ ކީއްވެގެންކަން އެނގޭތަ؟ މިސުވާލުގެ ޖަވާބަކީ ޝައިޠޯނާގެ ކަސްތޮޅުން މީސްތަކުން ނެއްޓުމުން މީސްތަކުންގެ ފައިދާ ނަހަމަގޮތުގައި ލިބިގަތުމުގެ ފުރުޞަތު ކުޑަވެގެންދާނެތީއެވެ. ހިތްހަމަޖެހުން ހޯދަންކުރާ ފާފަތައް ކުރުމުގެ ފުރުޞަތު ގެއްލިގެންދާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން