ރާއްޖޭގެ އަތޮޅުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ނިލަންދޫގައި ބޭއްވި ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވަނީ، އަތޮޅު ތެރޭގައި ހިންގޭ މިފަދަ ކުޅިވަރު ހަރަކާތްތަކަކީ ގައުމީ ކުޅިވަރަށް އިންވެސްޓް ކުރުން ކަމުގައި ދެކެވަޑައިގަންނަވާ ކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މިކަމުގެ މުހިންމުކަން ފާހަގަކުރައްވައި ގައުމީ ވިސްނުމަކުން ވިސްނުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ، "އަޅުގަނޑު އުންމީދުކުރަނީ އަތޮޅު ތެރޭގަ ހިންގޭ މިފަދަ މުބާރާތްތަކުން އަޅުގަނޑުމެން ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އުފެދި ގައުމީ ފެންވަރުގަ އެކުޅުންތެރިން ފެނިގެން ދިއުން. މިއީ ގައުމީ ވިސްނުމަކުން އަޅުގަނޑުމެން ވިސްނާނަމަ އަޅުގަނޑުމެން ބޭނުންވާގޮތް. އިރާދަކުރެއްވިއްޔާ އެކަން މާދުރަކު ނޫން އޮތީ. އެކަން އަޅުގަނޑު ޔަގީންކުރަން" އެވެ. ނައިބު ރައީސްގެ މި ވާހަކަފުޅުން ދޭހަވަނީ ސަރުކާރުން ކުޅިވަރުގެ ދާއިރާގައި އަތޮޅުތަކަށް ދެއްވާ އަހަންމިއްޔަތެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު، ނައިބު ރައީސް ވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށްވެސް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން އެ އަތޮޅުގައި އެކުވެރިކަމުގެ ރޫހު އާލާވެފައިވާ ކަމަށެވެ. އަދި މި ރޫޙު ދެމެހެއްޓުމަށްޓަކައި އެންމެންވެސް ގުޅިގެން މަސައްކަތްކޮށްދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.