ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 33 ފަރާތަކަށް ލޯނު ދޫކުރަން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 33 ފަރާތަކަށް ލޯނު ދޫކުރަން ފާސްކޮށްފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހިންގާ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިއު) ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ދަށުން 33 ފަރާތަކަށް ލޯނު ދޫކުރުމަށް ފާސްކޮށްފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. ޖުމްލަ 34 މިލިއަން ރުފިޔާގެ މި ލޯނުތަކުގެ ތެރެއިން މިހާތަނަށް 23.7 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ.

މި ސަރުކާރުން މި ލޯނަށް އެދުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް މަސްވެރިންނަށް އިތުރު ލުއިތަކާއެކު އަލުން މި ފުރުޞަތު ހުޅުވާލެވުނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އާރް.އެސް.ޑަބްލިއު ޕްރޮގްރާމަށް ޖުމްލަ 85 އެޕްލިކޭޝަން ލިބިފައިވާކަމަށާއި، އޭގެތެރެއިން 33 ފަރާތަކަށް ލޯނު ދިނުމަށް ފާސްވެފައިވާކަމަށެވެ.

މި ލޯނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމާއި، އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމެވެ. އަދި މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު މަސައްކަތްކުރާނެ މަގު ފަހިކޮށްދީ، މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވުމަކީވެސް މީގެ މުހިންމު ބޭނުމެކެވެ.

މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި، ވުޒާރާއިން ވަނީ އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައެވެ. އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީގެ މިންގަނޑު ވަނީ 3 މަސް ދުވަހަށް ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެ މިލިއަން) ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ. އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް ފުރުސަތު ލިބިފައިވެއެވެ. ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިއަދު އޮންލައިން