ސީއެެމްޑީއޭގެ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސީއެެމްޑީއޭގެ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އިލްތިމާސްކޮށްފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ، އެ އޮތޯރިޓީގެ ޤާނޫނީ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ޤާނޫނީ ހުއްދަ ނެތް ބައެއް ފަރާތްތަކުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް އާންމުންނަށް ހުށަހަޅަމުންދާ ދަނޑިވަޅެއްގައި މިފަދަ ހުއްދަ ނެތް ސްކީމްތަކުގައި ބައިވެރިވުމުގެ ސަބަބުން އާންމުންނަށް މާލީ ގެއްލުންތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ސީއެމްޑީއޭއިން ވިދާޅުވީ، ޤާނޫނީ ހުއްދަ ނެތް ފަރާތްތަކުން އެކި ބާވަތްތަކުގެ ސެކިއުރެޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ހިދުމަތް ދެމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. އަދި މި ހިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އާއްމުނަށް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސީއެމްޑީއޭއިން ހާމަކުރިއެވެ. މިފަދަ ޢަމަލުތަކަކީ ކެޕިޓަލް މާކެޓްގެ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެވެ.

އިންވެސްޓްމަންޓް ފަންޑް ހިންގުމާއި، އިންވެސްޓްކުރުމަށް ލަފާދިނުމާއި، ފަންޑް މެނޭޖްކުރުންފަދަ މާލީ ހިދުމަތްތައް ދިނުމަކީ ސީއެމްޑީއޭގެ ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަންކަމެވެ. އެހެންކަމުން، ލައިސަންސް ނެތި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން، ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެބާވަތުގެ ކަންކަން ނުކުރުމަށް ސީއެމްޑީއޭއިން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެ އޮތޯރިޓީން އިޝާރާތްކުރެއެވެ.

ސީއެމްޑީއޭއިން އާންމުންނަށް އިލްތިމާސްކުރައްވާފައިވަނީ، އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތައް ބަލައި، އެފަރާތަކީ ސީއެމްޑީއޭގެ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްފަހު ނޫނީ އެފަދަ ކަންކަމުގައި ބައިވެރިނުވުމަށެވެ. އަދި ލައިސަންސް ނެތި އެފަދަ ކަމެއް ކުރާކަން އެނގޭނަމަ، އެ މައުލޫމާތު އެ އޮތޯރިޓީއަށް ހުށަހަޅައި، ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އެހީތެރިވުމަށްވެސް ވަނީ އެދިފައެވެ.

މިއަދު އޮންލައިން