ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީއާ ހަވާލުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީއާ ހަވާލުވެއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 2200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީއާ ހަވާލުވެފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވުޒާރާއިން ދެއްވި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އިއްޔެއާ ހަމައަށް ޖުމްލަ 2241 މީހަކާ ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ގޯތި ލިބުނު ފަރާތްތަކަށް ޢަމަލީ ގޮތުން ގޯތީގެ މިލްކުވެރިކަން ލިބުމުގެ މުހިންމު ފިޔަވަޅެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ދީފައެވެ. މިގޮތުން، ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައި ރަޖިސްޓްރީއާ ހަވާލުވެފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ގޯތީގެ ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ޢަމަލީ ގޮތުން ހަވާލުކުރުމުގެ މަސައްކަތްތައްވެސް މިހާރު އަންނަނީ ކުރިއަށް ގެންދަމުން ކަމަށެވެ. މި މަސައްކަތްތައް ނިމުމާއެކު، ގޯތި ލިބުނު ފަރާތްތަކަށް ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން