ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރެއްވުމަށް ޚާއްސަ ބައްދަލުވުމެއް މިއަހަރުވެސް ބާއްވަވާނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ވީ ކޮންމެ ވަޢުދަކީ އެކަމުގެ ނިޔަތް އޮވެ އެކަންކަން ފުއްދައިދިނުމަށް ވީ ވަޢުދުކަމަށެވެ. އަދި އެމަގުން، މުޅި ސަރުކާރު އެކުގައި ގުޅިގެން އެކަންކަން ޙާސިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، މިދިޔަ އަހަރަކޭ އެއްގޮތަށް، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މި ޚާއްސަ ބައްދަލުވުން ބާއްވަވާނީ ނޮވެންބަރު 17 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ބައްދަލުވުމުގައިވެސް އެ ތަފްސީލްތައް ރައްޔިތުންނާ ޙިއްސާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.
ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާ ހިއްސާކުރާނެ ގޮތް ބަޔާންކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. "ހަމަ މި މާލަމުގައި، ބާއްވާ ބައްދަލުވުމެއްގައި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާގޮތް ރައްޔިތުންނާ ހިއްސާކުރުމަށް. ޕްރެޒެންޓޭޝަނެއްގެ ގޮތުގައި، ނަތީޖާ ފެކްޓްސްތަކާ އެކު އެ މަޢުލޫމާތު ގެންނާނީ. ރިޔާސީ އިންތިޚާބުގެ ވަޢުދުތަކާ އަދި ސަރުކާރުން ފަށާފައިވާ އެހެނިހެން މަސައްކަތްތައް ހިއްސާކުރާނަން."
މި ބައްދަލުވުމަކީ ސަރުކާރުން ވެފައިވާ ވަޢުދުތަކާއި، ފަށާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ތަފްސީލީ މަޢުލޫމާތުތައް ރައްޔިތުންނަށް ސީދާކޮށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ.