އެންސްޕާއިން ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެންސްޕާއިން ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން، ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުގެ ދަށުން އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ފަރުވާއަށް ޖުމުލަ 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ދަރިމައިވުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން ދޫކުރެވުނު ފައިސާއެވެ.

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން، ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއް ކަމަށްވާ، އައި.ވީ.އެފްއަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މި އަދަދުތަކުން ދައްކުވައިދެނީ މިފަދަ ފަރުވާއަށް އާސަންދައިގެ އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި، މި 93 ފަރާތުގެ ތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ވަނީ ކާމިޔާބުވެފައެވެ. މިއީ ދަރިމައިވުމުގެ އުފާ ހޯދަން މަސައްކަތްކުރާ އާއިލާތަކަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ސަރުކާރުން މި ފަންޑުގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން، ދަރިމައިވުމުގެ ފަރުވާގެ ބުރަ ހިފަހައްޓަން ދަތިވާ އާއިލާތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދެއެވެ.

މިއަދު އޮންލައިން