ތިބާގެ ރީތިކަމަށް ތަޢްރީފްކުރަން އެންމެންނަށްވެސްޖެހޭނެ ރީތިކަން ހޯދައިދިނުމަކީ އެއްވެސް ބިޔުޓީޝަނަކަށް ކޮށްދެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ތިބާގެ ރީތިކަމަށް ތަޢްރީފްކުރަން އެންމެންނަށްވެސްޖެހޭނެ ރީތިކަން ހޯދައިދިނުމަކީ އެއްވެސް ބިޔުޓީޝަނަކަށް ކޮށްދެވޭނެ ކަމެއް ނޫން!

ސިފަހުތުރުވެގެން ބައިވެރިއަކު ނުލިބިފައި ހުންނަން ޖެހުމަކީ ވަރަށް މަދުން ނޫނީ ކުރިމަތިވާނެ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް މާތް ﷲ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. ވީމާ ތިމާ ހުރި ސިފައިގައި ތިމާ ރީތިވެ ކަމުދާނެ މީހުން ތިބޭނެއެވެ. ކޮންމެ މީހަކަށްވެސް ބައިވެރިއަކު މާތް ﷲ ދައްކަވާނެތެވެ. 

ލޮބުވެތި ކަނބަލުންނޭވެ! އަންހެނުންނަށް މާތް ﷲ ދެއްވަވާފައިވަނީ މާމަތިވެރި ދަރަޖައެކެވެ. އެއްވެސް ޙާލެއްގައި ތިއަ ކަނބަލުންގެ ކިބައިގައިވާ ހަމައެކަނި ޚާއްޞަ ކަމަކީ ތިއަ ކަނބަލުންގެ ރީތިކަމެއް ނޫނެވެ. ތިއަ ކަނބަލުންގެ ދަރަޖަ މާމަތިވެރިއެވެ. މަސްއޫލިއްޔަތުވެސް މާބޮޑެވެ. 

މާތް ﷲ އަށް ބިރުވެތިވާ މުސްލިމް ޖީލެއް ބިނާކުރުމުގެ ހަޤީޤީ މޭސްތިރިންނަކީ ތިއަ ލޮބުވެތި ކަނބަލުންނެވެ. ތަޤްވާވެރި ދަރިން ތަރުތުބިއްޔަތުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ތިއަ ލޮބުވެތި ކަނބަލުންނެވެ. ފިރިހެނުންނަށްވުރެ ފަސޭހައިން ސުވަރުގެ ވަދެވޭނެ މަގުތައް ތިއަ ކަނބަލުންނަށް ފަހިކުރައްވަވައި ދެއްވަވާފައިވަނީ ތިއަ ކަނބަލުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. 

ލޮބުވެތި ކަނބަލުންނޭވެ! މާތް ﷲ ތިމާ އުފެއްދަވާފައިވާ ސިފަ ތިމާއަށް ރީތިވާށެވެ! އެހެން މީހުން ކުރާ ކޮމެންޓްތައް އަޑުވެސް ނުއަހާށެވެ! ބުނާށެވެ! "މިއީ އަހުރެން އަމިއްލައަށް ލިބިގަތް ސިފައެއް ނޫނެވެ. މާތް ﷲ އަހުރެންނަށް ދެއްވެވި ސިފައެވެ. އެހެންވެ އަހުރެން މިހުރީ އެންމެ ރީތި ސިފައިގައެވެ." 

އަދިވެސް ބުނާށެވެ! "މާތް ﷲ އަހުރެންނަށް އަންގަވާފައިވަނީ ބޭރުފުށުގެ ސިފަ ބަދަލުކުރާކަށް ނޫނެވެ. ހިތް ޠޯހިރުކޮށް އެތެރެފުށް ރީތިކުރުމަށެވެ. އަހުރެން ދެމިހުންނާނީ އެމަސައްކަތުގައެވެ." 

ޔަޤީންކުރާށެވެ! ބޭރުފުށުގެ ސިފަ ރީތިކުރަން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެންމެންނަށް ރީތި މީހަކަށް ނުވެވޭނެއެވެ. ނަމަވެސް އެތެރެފުށުގެ ސިފަ ރީތިކުރެވިއްޖެނަމަ އެންމެންނަށްވެސް ޖެހޭނީ ބަލައިގަންނާށެވެ. ތަޢްރީފްކުރާށެވެ! ތިބާގެ ރީތިކަމަށް ތަޢްރީފްކުރަން އެންމެންނަށްވެސްޖެހޭނެ ރީތިކަން ހޯދައިދިނުމަކީ އެއްވެސް ބިޔުޓީޝަނަކަށް ކޮށްދެވޭނެ ކަމެއް ނޫންކަމަށް މިބުނަނީ އެސަބަބަށްޓަކައެވެ.   

ހުޅަނގުގެ ނުފޫޒުގައި މިއަދު އަންހެނުންގެ މަޤާމާއި ދަރަޖަ މިވަނީ ވަރަށް ބޮޑުތަނުން ކުޑަކޮށްލައިފައެވެ. ނަތީޖާއަކީ އަންހެނަކު ނަމަ ކުރަން އޮތް ހަމައެކަނި ކަމަކީ އެމީހުންގެ ހަށިގަނޑު ހާމަކުރުން ކަމަށް ޤަބޫލުކުރެވުމެވެ. ކޮންމެ ގޮތަކުން ނަމަވެސް ހަށިގަނޑު ރީތިކުރުން ކަމަށްވެސް ޤަބޫލުކުރެވުމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ބައެއް އަންހެނުންނަށް މިއަދު މިކަންކަން ޤަބޫލުކުރެވިފައިވާލެއް ބޮޑުކަމުން ރީތިވާން މަސައްކަތްކުރަން ހަދައިގެން ދުނިޔެ ދޫކުރަން އެބަޖެހެއެވެ. ކުރެވޭ ކަންކަމުގެ ސަބަބުން މަރުވުން ފަދަ ކަންކަން އެބަ ކުރިމަތިވެއެވެ. 

ހަށިގަނޑުގެ ސިފަ ރީތިކުރުމަށް މިހައި ބޮޑު ސަމާލުކަމެއް ދެވޭ ސަބަބަކީ ގިނަ ބައަކަށް ރީތި އަންހެނަކަށްވާން ބޭނުންވެވޭ ކަމެވެ. ހުރިހާ ގޯހެއް ހެދެނީ އެގޮތަށް ވިސްނައި ސަމާލުކަން ދެވޭތީއެވެ. އެންމެންނަށް ރީތި މީހަކަށްވާން މަސައްކަތްކުރެވޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން