މިއަދު ފެށި "އޮޕަރޭޝަން އަލިމަގު"ގައި މިހާތަނަށް 90 އަށް ގިނަ މީހުން ވަނީ ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
މިއަދު ފެށި "އޮޕަރޭޝަން އަލިމަގު"ގައި މިހާތަނަށް 90 އަށް ގިނަ މީހުން ވަނީ ހައްޔަރުކޮށްފި

"އޮޕަރޭޝަން އަލިމަގު"ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަނަކ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަން އަލިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

"މިވަގުތާ އަމައަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90އަށް ވުރެ ގިނަ މީހުން މިވަނީ ހައްޔަރުކޮށްފަ. 100އަށް ވުރެ ގިނަ ތަންތަން އޭގެ ތެރޭގައި ގެތަކާއި އެ މީހުންނާ ގުޅުން ހުރި ވިޔަފާރިކުރާ ތަންތަނާއި މަސްތުވާތަކެތި ސްޓޯރކުރަން ގެންގުޅޭ ތަންތަން ބަލާފާސްކޮށްފައިވޭ. އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފައިސާ އާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ސިނގިރެޓާ އަދި މަސްތުވާތަކެތީގެ އެކި ބާވަތްތައް މި އޮޕަރޭޝަންގަ މިދަނީ ނަގަމުން." ވަޒީރު

ވަޒީރު ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އެ ވިޔަފާރި ކުރުން ހުއްޓާލުމަށްވެސް އެދިފައެވެ.

އަދި މިއަދުން ފެށިގެން އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖޭގައި މިކަމުގަ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު އެދޭ އެދުމަކީ މިކަމުގަ އުޅޭ ކުދިންވެސް މިކަން ހުއްޓާލާފަ އެހެން ކަމަކާވެގެން އުޅުމަށް. މިކަން ކުރާކަމަށްވަންޏާ ރާއްޖޭގައި އުޅެން އުނދަގޫވާ ވަރަށް މިކަން ކުރިއަށް ގެންދާނަން. ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ. މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ޤާނޫނުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން." ވަޒީރު

މިއަދު ފެށި އޮޕަރޭޝަނަކީ ފެށުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަސައްކަތް ފުލުހުން ހުއްޓާލާނީ މސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ކުރުން ހުއްޓާލާ ހިސާބުން ކަމަށެވެ.

މި މަސައްކަތުގައި ދިވެހި ފުލުހުން 24 ގަޑި އިރު މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން އެދޭފަދަ މާހައުލެއް ޤާއިމްކުރުމުގަ ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކަންކަމުގަ ހައްޔަރުކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދިނުމަށް ތަކުރާރުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާ ކަމަށެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން