ބީއެމްއެލް މެދުވެރިކޮށް ވިލިމާލޭގައި 300 ހައުސިން ޔުނިޓް، ހުޅުމާލޭގައި 2700 ހައުސިން ޔުނިޓް އެޅުމަށް ބިން ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބީއެމްއެލް މެދުވެރިކޮށް ވިލިމާލޭގައި 300 ހައުސިން ޔުނިޓް، ހުޅުމާލޭގައި 2700 ހައުސިން ޔުނިޓް އެޅުމަށް ބިން ހަވާލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި، ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓް އެޅުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެއްގެ ދަށުން ފަށާފައިވާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެފޯޑަބަލް ހޯމް ލީޒިންގ ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް ތަރައްޤީކުރާއިރު، ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓް އެޅުމަށް ވަނީ ބިން ހަވާލުކުރެވިފައެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ދިނުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމެވި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުންނެވެ. މި ނިޒާމުގެ ދަށުން މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްގު ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން