މަސްތުވާތަކެތީގެ ވަބާއިން މުޅިން ރާއްޖެ ފުހެވެންދެން 24 ގަޑިއިރު، ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާނެ: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
މަސްތުވާތަކެތީގެ ވަބާއިން މުޅިން ރާއްޖެ ފުހެވެންދެން 24 ގަޑިއިރު، ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާނެ: ވަޒީރު އިޙްސާން

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ މުޅިން ނައްތާލެވޭނދެން 24 ގަޑިއިރު ފުލުހުން މިހރު ކުރިއަށްގެންދާ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށި، މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، ވަބާ ނައްތާލުމަށް ހިންގާ ޚާއްސަ އޮޕަރޭޝަން "އަލިމަގު" އެވެ.

ވަޒީރު އިޙްސާން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ފުލުހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި، އެތެރެކޮށްފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ހޯދައި، ނެގެމުންދާ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެގޮތުން، ދެން ރާއްޖޭގައި މިކަން ކުރެވޭނެ ފުރުޞަތެއް ނުދޭނެ ކަމަށާއި، މަސްތުވާތަކެތީގެ ވަބާއިން މުޅިން ރާއްޖެ ފުހެވެންދެން 24 ގަޑިއިރު ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމުގައި އުޅޭ މީހުން ދެން ޖެހޭނީ އެހެން ކަމަކާއިގެން އުޅެން ފަށަން ކަމަށާއި، އެކުދިންނަށް އުޅެން އުނދަގޫކުރާނެ ކަމަށެވެ.

"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްޢޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ޤާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން." ދާޚިލީ ވަޒީރު ވިދާޅުވިއެވެ. މި އޮޕަރޭޝަނަކީ ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން