މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން، 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "މަސްކެޑުމުގެ މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވާ ހޮނިހިރު ދުވަހު ރ. ދުވާފަރުގައެވެ.
މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ ތެރެއިން ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވައި އާލާކުރުމާއި، މަސްވެރިކަމުގެ ސިނާއަތުގައި މި މަސައްކަތަކީވެސް މުހިއްމު ދައުރެއް އަދާކުރާ މަސައްކަތެއްކަން އަންގާދިނުމެވެ. މި މުބާރާތަކީ ދިވެހި މަސްވެރިކަމުގެ ސަގާފަތް ދިރުވުމަށް ބާއްވާ މުބާރާތެއް ކަމުން، ދެޖިންސުގެ ބޭފުޅުންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުން ވަނަ ހާސިލުކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނައަށް 3000 ރުފިޔާ، ދެވަނައަށް 2000 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީން ހަމަޖައްސާފައިވާ ޚާއްޞަ ފޯމް (https://forms.gle/scYu8odx2HdirjMp9) ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 27 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތާއި ޤަވާއިދުތައް މިނިސްޓްރީގެ އިއުލާނާއެކު ޢާންމުކުރެވިފައިވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.