ދޮށީ އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ ދެވަނަ ކައިވެނިކުރުމުން ކެތްތެރިވާން އުނދަގޫވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވާލަން އޮތީ ދަރިން ތިބިނަމަ ކެތްތެރިވެލަން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންނަމަ ހިތްވަރުކޮށްލާފައި ދެވަނަ މަގެއް ހޯދަން މަސައްކަތްކުރާށެވެ! ދުޢާކުރާށެވެ! މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ.
ތިރީގައި އެވަނީ އެފަދަ ޙާލަތެއް ކުރިމަތިވި އަންހެނަކު އޭނާގެ ޙަޔާތް ކާމިޔާބުކުރި ގޮތުގެ ވާހަކައެވެ. އޭނާއަށް ޙަޔާތް ކާމިޔާބުކުރެވުނީ ކުރާނެ މަސައްކަތެއް ދަސްކޮށްގެންހުރީތީއެވެ. ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
އަހަރެމެން ދެމަފިރިންނަށް ދަރިއަކު ލިބުނީ ކައިވެންޏަށް 7 އަހަރުގައެވެ. ދަރިފުޅު ލިބުމުން އަހަރެންގެ ބުރުސޫރައަށް ބަދަލުތަކެއް އަންނަންފެށިއެވެ. ފަލަވެސްވިއެވެ. އެހިސާބުން ފިރިމީހާއަށް އަހަރެން ކަމަކު ނުދިއައެވެ. މަޑުމަޑުން ދުރުކުރަމުން ގޮސް އަހަރެން އެކުގައިހެން ދުރުކޮށްލިއެވެ.
ދުވަސްކޮޅަކުން އަހަރެންގެ ނުރުހުމުގައި ދެ އަންތބަށް ކައިވެނިވެސް ކުރިއެވެ. އަދި އެއަންހެން މީހާ ގެއަށް ގެނެސް ގެންގުޅެން ފެށިއެވެ. އެއްކޮޓަރީގައި އެ 2 މީހުންނެވެ. އަނެއް ކޮޓަރީގައި އަހަރެންނާއި ދަރިފުޅެވެ.
އެޙާލަތުގައި ހިތަށް ކެތް ކުރެވެނީއެއް ނޫނެވެ. ނަމަވެސް އެޙާލަތުގައި ދަރިފުޅު ގޮވައިގެން ގޮސް ވަންނާނެ ތަނެއް ނެތުމުން ކެތްތެރިވީމެވެ. ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރީއެވެ. ނަމަވެސް ލިބުނު ވިސްނުމަށް ކަށި ހިތްވަރު ނެރެގެން ފައިސާ ހޯދަން މަސައްކަތް ފެށީމެވެ. އެގޮތުން ލިބޭ ހުސްވަގުތުތަކުގައި ފަހަން ފެށީމެވެ. ދަރިފުޅު ސްކޫލަށް ގެންދަން ފެށުމުން ލިބޭ ހުސްވަގުތުގައި ކުދިންނަށް ފަހަން ދަސްކޮށްދޭންވެސް ފެށީމެވެ.
އެއިގެ ދުވަސްކޮޅެއް ފަހުން އޮފީހުން ޖެހުނު މައްސަލައެއްގައި ފިރިމީހާ ވަޒީފާއިން ވަކިކުރިއެވެ. މުސާރަ ނުލިބި ދުވަސްކޮޅެއްވާއިރަށް ޖަމާކޮށްފައި ހުރި ފައިސާކޮޅުވެސް ހުސްވެއްޖެއެވެ. އެހިސާބުން ދެވަނަ އަނބިމީހާ ވަރިވެގެން ހިނގައްޖެއެވެ.
އެއިގެ ދުވަސްކޮޅެއްފަހުން އަހަރެންވެސް ވަރިވާން އެދުނީމެވެ. ނަމަވެސް އާދޭސްކޮށްފައި ބުނީ މާފުކުރުމަށެވެ. އަހަރެން ބުނީމެވެ. "މާފުކޮށްފީމެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން ލޯމަތީގައި ކުޅުނު ފިލްމުގެ ހަނދާން ނައްތައެއް ނުލެވޭނެއެވެ. މާފުކުރުމާ ހަނދާން ނައްތައިލުމާ އެއީ ތަފާތު ދެކަމެކެވެ.
ދާދި ގާތުން އަހަރެން ފްލެޓެއް ގަނެ އެޑްވާންސްވެސް ދައްކައިފީމެވެ. އަހަރެން މިބަދަލުވަނީއެވެ. ބަލިވެއްޖެނަމަ ބަލާނަމެވެ. ކޮންމެ ވަގުތަކު އައި ނަމަވެސް ކާންދޭނަމެވެ. ނަމަވެސް އަމިއްލައަށް ދޮވެ އިސްތިރިކޮށްލާށެވެ! އެއީ އެ ރީތި އަނބިމީހާގެ ހަނދާނުގައި އަހަރެންދޭ ހަދިޔާއެކެވެ. ހަމަ ގައިމުވެސް އަމިއްލައަށް އެކަންކަން ކުރާއިރު މިހައިތަނަށް އެކަން ކޮށްދިން މީހަކު ހުރިކަން ހަނދާންވާނެ ނޫން ހެއްޔެވެ؟"
ވަރިކުރީ ގެއިން ދިއަތާ 4 މަސްފަހުންނެވެ. އެއިގެ ފަހުން 5 އަހަރުވެއްޖެއެވެ. އިތުރު ކައިވެންޏެއް ކުރާނެ ހިތްވަރު ނެތުމުން ކައިވެންޏެއް ނުކުރަމެވެ. ހުރިހާވެސް މަޤްޞަދަކީ ދަރިފުޅު ބޭނުންވާފަދައިން ޑޮކްޓަރަކަށް އޭނާ ހެދުމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ގެދޮރުނެތުމުން މާޔޫސްވެ އަޅުވެތިވާންޖެހޭ ދުވަސް މާޒީވެ ހިނގައްޖެއެވެ. ގެދޮރު ހޯދުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. ކުއްޔަށްވެސް ހިފޭނެއެވެ. ބޭނުންވަނީ ހިތްވަރެވެ. ހިތްވަރު ހުރެފައި މާތް ﷲ އަންގަވާފައިވާ މަގުގައި ސާބިތުވެހުރިނަމަ ކުރިއަށް ދެވޭނެ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ
- ފަރީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް