ކަސްރަތުކުރުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތަކަށް އިސްކަންދީގެން، ހަކުރު ބަލިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ، ހަކުރު ބަލީގެ ދުވަހާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ޚާއްސަ ހަރަކާތެއްގެ ތެރެއިންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސިއްހީ ވަޒީރު ވިދާޅުވީ، ހަކުރު ބައްޔަކީ އޭގެ ސަބަބުން ޞިއްޙީ އިތުރު މައްސަލަތަކަށްވެސް މީހާ ހުށަހެޅިގެންދާ ބައްޔެއް ކަމަށެވެ. އެހެންކަމުން، ދުރާލާ ބައްޔަށް ޓެސްޓުކޮށް، ފަރުވާ ހޯދައިގެން އާންމު މީހެކޭ އެއްފަދައިން ދިރިއުޅުމުގެ ފުރުޞަތު ހަކުރު ބަލީގެ ޕޭޝަންޓުންނަށްވެސް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ގަވާއިދުން ޑޮކްޓަރަށް ދައްކައި، ބޭސްފަރުވާ ކުރަމުން ގެންދެވިއްޖެނަމަ ހަކުރު ބަލީގެ ޕޭޝަންޓުންނަށްވެސް އާންމު ދިރިއުޅުމުގެ ޙާލަތެއްގައި އުޅެވޭނެކަން މިއަދު އެނގިފައިވާ ކަމަށެވެ. އެހެންކަމުން، އެންމެންވެސް ގަވާއިދުން ޓެސްޓުކޮށް ޑޮކްޓަރަށް ދައްކައި ބޭސް ނެގުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ދިރިއުޅުމުގެ އާދަތައް ޞިއްޙީ ރަނގަޅު މިންގަނޑުގެ ތެރޭގައި ހުރިހާ ބޭފުޅުންވެސް ގެންގުޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
"ދުރާލާ ޓެސްޓުކޮށް، ޑޮކްޓަރެއްގެ ފަރުވާ ހޯދައި، ޑޮކްޓަރެއްގެ ލަފާ ހޯދައި، ގަވާއިދުން ޑޮކްޓަރަށް ދައްކަވާ މިއަށް ބޭސްފަރުވާ ކުރަމުން ގެންދެވިއްޖެނަމަ ހަމަ އާންމު ދިރިއުޅުމުގެ ހާލަތެއްގައި ޑައިބެޓީސް ޕޭޝަންޓަކަށްވެސް އުޅެވިދާނެކަން އެއީ މިއަދު އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެހެންވީމަ އަޅުގަނޑުގެ މިއަދުގެ އިލްތިމާސަކީ ގަވާއިދުން ޓެސްޓުކުރައްވާ ޑޮކްޓަރަށް ދައްކަވާ ބޭސް ނަންގަވާ، އަދި ދިރިއުޅުމުގެ އާދަތައް ޞިއްޙީ ރަނގަޅު މިންގަނޑުގެ ތެރޭގައި ހުރިހާ ބޭފުޅުންވެސް ގެންގުޅުއްވުމަށް ސަމާލުކަންދެއްވުން." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެންބަރުމަހުގެ 14 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ހަކުރު ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.