ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުމަށް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަޅުގަނޑުމެން އަހުލުވެރިވުން މުހިންމު ކަމަށެވެ. އެގޮތުން، ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަތުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މިފަދަ ކަންކަމަށް މުޖްތަމަޢު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އާކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.