މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ޖާގައިގެ ދަތިކަމަށް ދިގު މުއްދަތެއްގެ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 182.85 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.
މި މަޝްރޫޢަކީ މާލެ ސަރަހައްދުގެ ތަރައްޤީގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަހައްދުގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަމުގެ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރާ މަޝްރޫޢެކެވެ. މި ބިޔަ މަސައްކަތް 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ބިން ހިއްކުމުގެ މަސައްކަތް މިވަގުތު 3 ފަރާތަކުން ދަނީ ކުރަމުންނެވެ.
މަސައްކަތުގެ ތަފްސީލުތަކަށް ބަލާއިރު، ސްރީލަންކާގެ ކެޕިޓަލް މެރިންއެންޑް ސިވިލް ކޮންސްޓްރަކްޝަނާއި (CMCC) ޙަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން މިހާތަނަށް 100.6 ހެކްޓަރު ހިއްކާ ނިންމާލާފައިވާއިރު، އެ ކުންފުނިން ދަނީ ބާކީ އޮތް ސަރަޙައްދު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.
އަދި ޗައިނާ ހާބަރ އިނޖިނިއަރިންގ (CHEC) އާއި ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ. ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢު ނިމުމަކަށް އަންނައިރު، މާލެ ސަރަހައްދުގެ އާބާދީގެ ބޮޑު ބަޔަކަށް ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.