މި ސަރުކާރު ވެރިކަމަށް އައި ފަހުން 19 ކުއްޖަކު ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު މިހާރު ތިބީ ރިކަވަރީގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އަދި އިތުރު 10 ކުއްޖަކު މިހާރުވެސް ރާއްޖެއިން ބޭރުގައި މި ފަރުވާ ހޯދުމަށް ދަތުރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މިރޭ މާލޭގައި ބޭއްވި "ދިވެހިންގެ ރާއްޖެ" ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތެލެސީމިއާ ކުދިން ތަހައްމަލުކުރަމުންދާ ދަތިތަކުގެ ވާހަކައަކީ އަސަރުގަދަ އަދި ދައްކަން އުނދަގޫ ވާހަކައެއް ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އެއީ މީގެކުރިން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ދާއިރާއެއް ކަމަށާއި، މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވީ އެކުދިންގެ ފަރުވާގެ ކަންކަން ފުޅާކޮށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ކަމަށް ހީނާ ވިދާޅުވިއެވެ.
"މިއަދު މާތްﷲ ގެ ހެޔޮ ރަހްމަތްފުޅުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު 19 ކުދިން އެތިބީ ރިކަވަރީގަ، އަދި 10 ކުއްޖަކު އެތިބީ ބޯންމެރޯ ހެދުމަށްޓަކައި ރާއްޖެއިން ބޭރުގައި،" ހީނާ ވިދާޅުވިއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ވާހަކައަކީ އަބަދުވެސް އަޑުއިވޭ ވާހަކައެއް ނަމަވެސް، މި ސަރުކާރުން ފޮނުވި ފުރަތަމަ ބެޗްގައި 18 އަހަރުން މަތީގެ އެތައް ކުދިންނެއް ހިމެނިފައިވުމަކީ، އެ އުމުރުފުރައާ ހަމައަށް ދިޔައިރުވެސް އެ ފަރުވާ ދޭނެ ރަނގަޅު ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން އެކުދިންނަށް ދިމާވި ގޮންޖެހުންތަކެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު އެއްވުންކަމަށް ބުނެވޭ "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތަކީ ދިވެހިން އެދިއެދި ތިބި އޯގާތެރި، ހިތްތިރި، ނިޔަނެތި ޒަޢާމަތެއް ކަން އެތަނަށް އެއްވެ ތިބި ހުރިހާ ފަރާތްތަކެއްގެ މޫނުމަތިން ފެންނަމުންދާ ކަމަށެވެ.
"ވެރިކަމުގައި މިދިޔަ ދެ އަހަރު، ވާދަވެރި ސިޔާސީ ލީޑަރަކު، ސިޔާސީ ބޭނުމަކު ޖަލަކަށް ނުލައްވާ، އޯގާތެރިކަމާއެކު ރައްޔިތުންގެ އަޑުތައް އައްސަވާ، ވަރަށް ހިތްވަރާއެކު ވަރަށް އުނދަގޫ މައްސަލަތައް، ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، އޯގާތެރިކަމުގައި މިދިޔަ ދެ އަހަރު (މި ސަރުކާރުގެ ދައުރުގައި) މިކަހަލަ އެތައް ހާސް ވާހަކައެއް އޮތް ކަމަށެވެ.
މިގޮތުން މި ސަރުކާރުގެ ދައުރުގައި ކުރެވުނު ބައެއް ކަންކަން ހީނާ ހިއްސާ ކުރެއްވިއެވެ. އެއީ:
- އައިނު ހެދޭނެ ގޮތް 2,000ރ. އަށް ބޮޑުކޮށްދެއްވުން.
- އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންގެ އެލަވަންސް ބޮޑުވުން.
- ތެލެސީމިއާ ކުދިންނަށް ހުޅުމާލޭގައި ތަނެއް ޤާއިމުކޮށްދިނުން.
- 100 ދުވަހުގެ ތެރޭގައި އައިޔޫއައި އަދި އައިވީއެފް ހެދޭނެ މަގު ފަހިކޮށްދިންއިރު، އައިވީއެފް ހެދި 23 ފަރާތެއް ކާމިޔާބުވެފައިވުން.
- އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑުވުން.
- އަންހެނުންނަށް ލޯނު ލިބޭ ގޮތް ހަމަޖެއްސެވިއިރު، ކުންފުނިތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްދިނުން.
"އަންހެނުންގެ ސިއްހަތާއި ގުޅުންހުރި ކަންކަމާއި، އަންހެނުން ބާރުވެރިކުރުވުމަށް މިފަދަ އެތައް ކަމެއް ހިނގަމުންދާއިރު، އަޅުގަނޑުމެންނާއި ވާދަވެރި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސްގެ ފަހަތްޕުޅުގައި މި މަސައްކަތް ކުރަން ތިބި ޓީމް ބަލިކޮށުކޮށްލުން، ހާއްސަކޮށް އަންހެނުންނަށް ޓާގެޓްކޮށްގެން ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތަށް ބަލިކޮށްލުން، އަޅުގަނޑަށް ޓާގެޓްކޮށް ހަޤީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ފަތުރަނީވެސް ހަމަ އެގޮތުގެ މަތިން،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ރައީސް އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރާނީ ވަރަށް ފުރިހަމަކަމާއެކު، ކަމަށާއި، އޭނާ ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ، އެކަންކަން ބައްލަވާ ވޮޑިގެންވާކަން ހަނދުމަކުރަމުން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުގައި ކަމަށެވެ.