ކުރީގެ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި 200 ބިލިއަން ޑޮލަރުގެ ބޮޑު ބަޖެޓެއް ހޭދަކޮށްގެން ކޮށްފައިވަނީ ކޮން ކަމެއްތޯ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ސުވާލު އުފައްދަވައިފިއެވެ. ފަލާހް މި ސުވާލު އުފެއްދެވީ މިރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހިންގެ ރާއްޖެ" ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ، ކޮވިޑްގެ ވަބާގެ ދުވަސްވަރުގައިވެސް ކުރީގެ އެއްވެސް ސަރުކާރަކަށް ނުލިބޭ ވަރަށް ގިނަ ހިލޭ އެހީ ރާއްޖެއަށް ލިބުނު ކަމަށެވެ. ނަމަވެސް މިލިއަނުން ހިންގަންޖެހޭ ޕްރޮޖެކްޓްތަކުގައި ދެ ލައްކައެއްހާ ރުފިޔާ ޖަހައިގެން ހިންޏަށް ހަކުރު އޮޅުވާލާހެން ރައްޔިތުންނަށް އޮޅ
ފަލާހް ވަނީ ކުރީގެ ސަރުކާރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުވެސް ރާއްޖޭގެ ތާރީޚުގައި ދުވަހަކު ވެސް ނުލިބޭ މިންވަރަށް ހިލޭ އެހީ ލިބުނު ކަމަށާއި ނަމަވެސް އެ ފައިސާ ބޭނުންކުރި ގޮތާމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، މިލިއަނަށް ހިންގޭ ވަރުގެ ޕްރޮޖެކްޓްތަކުގައި ދެލައްކައެއްހާ ރުފިޔާ ޖަހައިގެން، ހިނޏަށް ހަކުރު އޮޅުވާލާހެން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފަސް އަހަރުގެ 200 ބިލިއަން ޑޮލަރުގެ ބަޖެޓުން ހާސިލުކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، ރިޔާސީ އިންތިޚާބާ ދިމާކޮށް ތިން ހާހެއްހާ ބިންގާ އެޅުން ފިޔަވައި އެއްވެސް އިތުރު ކަމެއް ކުރެވިފައިނުވާ ކަމަށެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފާސްކުރި ބަޖެޓު އަދަދުތަކަށް ބަލައިލާއިރު، 2019 ވަނަ އަހަރު 29.65 ބިލިއަން، 2020 ވަނަ އަހަރު 30.16 ބިލިއަން، 2021 ވަނަ އަހަރު 34.79 ބިލިއަން، 2022 ވަނަ އަހަރު 36.99 ބިލިއަން އަދި 2023 ވަނަ އަހަރު 42.84 ބިލިއަން އެކު ޖުމުލަ ފަސް އަހަރަށް 174.43 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައިވެއެވެ. މި ޢަދަދުތައް ފާސްކުރީ ޑޮލަރަކުން ނޫންކަން ފާހަގަކުރެވެއެވެ.
ފަލާހްގެ ވާހަކަފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތަޢުރީފު ކުރައްވައި ވިދާޅުވީ، ތިން ބާރު އެންމެ ފުރިހަމައަށް ތަންފީޒުކުރައްވާ ވެރިއަކީ ރައީސް މުއިއްޒު ކަމަށެވެ.
ފަލާހް ވިދާޅުވީ، ގައުމެއް މިނިވަންވުމަށް ދެ އަސާސީ ޝަރުޠެއް އޮންނަ ކަމަށެވެ. އެއީ ގައުމުގެ ސަރަހައްދު ބެލެހެއްޓޭ ވަރުގެ އަސްކަރިއްޔާއެއް އޮތުމާއި، ރައްޔިތުންނަށް އިގްތިސާދީ ގޮތުން ދިރިއުޅެވޭނެ މިންވަރަށް ދައުލަތުގައި ހަކަތަ ހުރުން ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މި ދެ ޝަރުޠުވެސް އޮތީ "އަށިން ބޭރަށް ވެއްޓޭ ހިސާބުގައި" ކަމަށް ފަލާހް ސިފަކުރެއްވިއެވެ.
ސޮވެރެން ޑިވެލޮޕްމެންޓް ފަންޑުގައި (އެސް.ޑީ.އެފް) ކުރިން ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިއަދު ރައީސް މުއިއްޒު ތަރައްގީގެ މަޝްރޫއުތަކާއި ކުރީގެ ސަރުކާރުތަކުން ދަރާފައި އޮތް ދަރަންޏާއި ހުރިހާ އެއްޗެއް ދައްކަމުން ދަނިކޮށްވެސް އެސް.ޑީ.އެފް ގައި 120 މިލިއަން ޑޮލަރު އެބަހުރި ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާހް ވިދާޅުވީ، ރައީސް މުއިއްޒަކީ އާއިލާއަށް ފަސް މިނިޓްގެ ވަގުތުކޮޅެއްވެސް ދެވެން ނެތް ވަރަށް ގައުމު ބިނާކުރުމުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އިޚްލާސްތެރި، އަމާނާތްތެރި ވެރިއެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ރައްޔިތުން އެދިވަޑައިގެން މަޝްރޫއުތައް ފައްޓަވައި ދެއްވާފައިވާ ކަމަށާއި، މިފަހުން 2.5 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސޮއިކުރެއްވި ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ މި ސަރުކާރަކުން ތިން ބާރު ވަކިވެފައި އޮތް ނިޒާމް އެންމެ ފުރިހަމައަށް ތަންފީޒުކުރަނީ މި ސަރުކާރުން. އެންމެ ފުރިހަމައަށް އެކަން ތަންފީޒުކުރާ ވެރިއަކީ ރައީސް މުއިއްޒު،" ފަލާހް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު މަޖިލީހަށް "އަތް ނުބާނާނެ" ކަމަށާއި، ފަނޑިޔާރުގެއަށް އެމަނިކުފާނު އަތް ބާނާނަމަ "ވަގުންތައް" ތިބޭނީ މާފުށީ ޖަލުގައި ކަމަށެވެ. ނަމަވެސް މިހާރު އެންމެ ބޮޑެތި ވަގުންވެސް މައިކުތަކުގެ ކުރިމަތީގައި ވާހަކަދައްކާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވައި، ރައީސް މުއިއްޒަކީ ތިން ބާރު ވަކިވެފައިވާ ނިޒާމް އެންމެ ރަނގަޅަށް ތަންފީޒުކުރާ ރައީސެއް ކަމަށް ފަލާހް ވިދާޅުވިއެވެ