ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން: ފަސްޓް ލޭޑީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން: ފަސްޓް ލޭޑީ

ރާއްޖޭގައި ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ބިނާކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައި ފަސްޓް ލޭޑީ މިކަމަށް އަލިއަޅުވާލެއްވީ، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މި ޕޯސްޓުގައި ފަސްޓް ލޭޑީ ވަނީ ޞިއްޙީ ރަނގަޅު އާދަތަކަށް ހޭނިގަތުމަށް ހިތްވަރު ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް އެންމެން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. "ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން." ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ދުރުހެލިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ލަނޑުދަނޑިއަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މިފަދަ ބަލިތައް ޖެހުން އެންމެ ދުރުހެލި، އަދި މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ އަމާޒު ޙާޞިލް ކުރެވޭނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ. މިކަން ހާސިލްވާނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށްވެސް ފަސްޓް ލޭޑީ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން