މާދަމައިން ފެށިގެން ދިވެހި ސަރުކާރަށް ބައޯމެޓްރިކް ޑާޓާ ނުދީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޑީޕޯޓުކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) އިން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ފެށިއިރު، ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި މައުލޫމާތު އެއްކުރެވިފައި ނެތް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި "ކުރަނގި އޮޕަރޭޝަން" ގެ ދަށުން މިހާތަނަށް 191،723 ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި އެމީހުން އުޅޭ ތަންތަން ސަރުކާރަށް އެނގޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މާދަމާއަކީ ބައޯމެޓްރިކް ޑޭޓާ ދިނުމަށް އޮތް ފަހުގެ ތާރީހު ކަމަށާއި، މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުވާ ފަރާތްތައް ވަގުތުން ޑީޕޯޓުކުރެވޭނެ ކަމަށެވެ. "މާދަމައަށް މިހަަމަވަނީ މުއްދަތު. މާދަމާއާ ހަމަައަށް ރަޖިސްޓްރީނުވާ ނުވަތަ ބައޯމެޓްރިކްސް ނުދޭ ބިދޭސީއަކު ފެނިއްޖެއްޔާ މާދަމާ ނޫން އަނެއް ދުވަހު ފަށާ އޮޕަރޭޝަނުގެ ތެރެއިން ވަގުތުން ޑީޕޯޓުކުރާނެ،" ރައީސް ވިދާޅުވިއެވެ.
އިތުރު ތަފާސްހިސާބުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް 9021 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. މި އަދަދުގައި ހިމެނެނީ ރެގިއުލަރައިޒްނުވާ މީހުންނާއި ކުށްކުރާ މީހުންނެވެ. އެއީ ކުރީ ސަރުކާރުގައި ޑީޕޯޓުކުރި އަދަދަށްވުރެ 143 އިންސައްތަ އިތުރު އަދަދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ބައޯމެޓްރިކްސް ނުދީ ތިބި ބިދޭސީން ހޯދުމަށް އާންމުންގެ އެއްބާރުލުން އެދިވަޑައިގެންފައެވެ. އެމަނިކުފާނު އިލްތިމާސްކުރެއްވީ އެފަދަ މީހަކު މަގުމަތިން ނުވަތަ ރަށަކުން ފެނިއްޖެނަމަ އިމިގްރޭޝަންއާއި ފުލުހުންނަށް އެ މައުލޫމާތު ދިނުމަށެވެ. އެއިރުން އެމީހާ ހޯދާ ޑީޕޯޓުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ގޭންގު ކުށްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން ކުރިއާ އަޅާބަލާއިރު ގޭންގު ކުށްތައް 94 އިންސައްތަ ދަށްކުރެވިފައިވާ ކަމަށެވެ.