މިދިޔަ އަހަރެކޭ އެއްފަދައިން އަންނަރޯދަމަހު މަސްދަޅުކޭހާއި ކަރަންޓުބިލަށް ޑިސްކައުންޓު ލިބޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިދިޔަ އަހަރެކޭ އެއްފަދައިން އަންނަރޯދަމަހު މަސްދަޅުކޭހާއި ކަރަންޓުބިލަށް ޑިސްކައުންޓު ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މި އަންނަ ރަމަޟާން މަހު ރައްޔިތުންނަށް ދެވޭނެ ހާއްސަ އިނާޔަތްތަކެއް އިޢުލާނުކުރައްވައިފިއެވެ. މިދިޔަ އަހަރެކޭ އެއްފަދައިން، މަސްދަޅުކޭސް ލިބުމުގެ އިތުރުން، ކަރަންޓު ބިލަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ 'ދިވެހީންގެ ރާއްޖެ' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި، ރޯދަ މަހަށް ހާއްސަ އިނާޔަތެއްގެ ގޮތުން، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ރައްޔިތުންގެ ކަރަންޓް ބިލަށް އަންނާނެ ބޮޑު ލުޔެކެވެ. ބިލްގެ ބާކީ ބައި ސަރުކާރުން ޑިސްކައުންޓް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ، ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ދިނުން، ނުވަތަ ކަންތައްތަކެއް ފަހިކޮށްދެއްވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންނަށް މަސްދަޅުކޭސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވެރިކަަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކޮންމެ ރަމަޞާންމަހަކު ސަރުކާރުން އަންނަނީ ރައްޔިތުންނަށް ހަދިޔާއާއި އިނާޔަތް ދެއްވަމުންނެވެ. މިފަހަރުގެ އިނާޔަތްތަކަކީ ވެސް ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ގެނެސްދިނުމަށް އެޅުއްވި މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު އޮންލައިން