"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ހަޤީގީ މާނައިގައި ތަންފީޒުމިކޮށްދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ހަޤީގީ މާނައިގައި ތަންފީޒުމިކޮށްދޭނަން: ރައީސް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ހަޤީގީ މާނައިގައި ތަންފީޒުމިކޮށްދޭއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ބޯހިޔާވަހިކަމަށް ހާއްސަކުރައްވާނެ ބައެއް ދާއިރާތައް ވަކިން ފާހަގަކުރައްވާފައެވެ.

އެގޮތުން، ދަފްތަރުގައި ތިބި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކަނިވެރި މައިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސްވެރިންނާއި، ޓެކްސީ ޑްރައިވަރުން އަދި ކޮމިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، "މި ހުރިހާ ފަރާތްތަކަށް ކަނޑައެޅޭ އުޞޫލެއްގެ ތެރެއިން ކުރިމަތިލެވޭ ގޮތް އޮންނާނެ. ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތު ހަޤީގީ މާނައިގައި އިރާދަކުރެއްވިއްޔާ ތަންފީޒުމިކޮށްދެނީ. އަޅުގަނޑުމެން އެކަމުގެ ވަޢުދުފުއްދާނަން. ވަޢުދުފުއްދާފައި ރައްޔިތުންނަށް މި ދެނީ" އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ފުއްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުންފުނިތަކާ ޙަވާލުކޮށްގެން 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، އަންނަ އަހަރުގެ ބަޖެޓުގައި 16 ރަށެއްގައި 1100 ހައުސިން ޔުނިޓް އެޅުމަށް ހިމަނުއްވާފައިވާނެކަމަށާއި، ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 3000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިންހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމުގެ ގޮތުން، ނޮވެމްބަރު 23 ވަނަ ދުވަހު ޑްރެޖަރު އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑްރެޖަރު އައުމާއެކު، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މީގެ އިތުރުން، ރަސްމާލެއާއި އުތުރުތިލަފަޅުން ގޯތި ދިނުމަށް އިތުރު ޑްރެޖަރުތައް ގެނެސް ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރަސްމާލެއިން ހިއްކާ ސަރަޙައްދުން 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމުގެ އުފާވެރި ޚަބަރު ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ޕީއެންސީން ބޭއްވި "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ރައީސް މުޢިއްޒު މި ވާހަކަފުޅުތައް ދެއްކެވިއިރު، އެ ޖަލްސާއަށް 13،000 އަށް ވުރެ ގިނަ މީހުން ހާޒިރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބޯހިޔާވަހިކަމުގެ ދާއިރާއަށް ދެއްވާ އަހަންމިއްޔަތު މި ތަފްޞީލުތަކުން ހާމަވެގެންދެއެވެ.

މިއަދު އޮންލައިން