މިދިޔަ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދައްކާހުރި ފައިސާގެތެރެއިން 444 މިލިޔަން ރުފިޔާ މި ސަރުކާރުން ދައްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިދިޔަ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދައްކާހުރި ފައިސާގެތެރެއިން 444 މިލިޔަން ރުފިޔާ މި ސަރުކާރުން ދައްކައިފި

ކުރީގެ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 444 މިލިޔަން ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުގައި އަމިއްލަ ކުންފުނިތަކުން ހިންގި މަޝްރޫޢުތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ، އެތައް ބިލުތަކެއް ފުނި ޖައްސާފައި ހުއްޓެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި، މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފައިސާ ނުދައްކާ ހުރި ކުންފުނިތަކަށް ފައިސާ ޖަމާކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިއްޔެއާ ހަމައަށް ފައިސާ ނުދީ އޮތް 1040 ކުންފުންޏަކަށް ޖުމްލަ 444.3 މިލިޔަން ރުފިޔާ މިހާރު ޖަމާކޮށްދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ ހުރިހާ ބިލުތަކަށް ފައިސާ ދެއްކުމަށްފަހު. އެއްވެސް ފައިސާއެއް ޗާޕުނުކޮށް، އިޤުތިޞާދު ކޮޅަށް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުންމިދަނީ."

ރައީސް ޑރ. މުޢިއްޒު ވަނީ ރައްޔިތުން އެދޭ ގޮތަށް ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މިވަގުތު މުޅި ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ 1875 މަޝްރޫޢު ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން 1356 މަޝްރޫޢަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފެށި މަޝްރޫޢުތައްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ކުރިއަރުވައި، އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން