އަންނަ މާރިޗު މަހުގެ ނިޔަލަށް އިތުރު 70 ރަށެއްގައި ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ތަރައްޤީއާއި ފަސޭހަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދެއްގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކަންކަން ކޮށްދޭން ޖެހެނީ ހަމައެކަނި ވެރިރަށާއި ސިޓީތަކަށް ނޫން ކަމަށާއި، އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްޤީގެ ފުރުސަތުތައް މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފެށުމަކީ، މާލީ ޚިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަމުގެ މިސާލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. މި ޚިދުމަތް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ރަށު ފަތުރުވެރިކަން (ގެސްޓް ހައުސް ޓޫރިޒަމް) އެންމެ ފުޅާކޮށް އޮތް ރަށްތަކާއި، އާބާދީ ބޮޑެތި ރަށްތައް ހިމެނެ އެވެ.
ރައީސް މުޢިއްޒު ދެއްވި ތަފްސީލުގައި ވިދާޅުވީ، 150 އެނދަށްވުރެ ގިނަ ގެސްޓް ހައުސް އެނދު ހުރި ހުރިހާ ރަށަކާއި، ވެރިކަން ކުރާ ރަށްތަކާއި، އަރބަން ސެންޓަރުތަކާއި، އަދި އާބާދީއަށް ބަލާއިރު 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ނިންމާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ކުރައްވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ކަމަށާއި، ހުރިހާ ރައްޔިތުންގެ ފަސޭހައަށް ކަންކަން ފަހިކޮށްދެއްވާނެ ކަމަށެވެ. ރައްޔިތުން ތިބި ޙާލަތު އެމަނިކުފާނަށް ފެނިވަޑައިގެންފައިވާ ކަމަށް ފާހަގަކުރައްވައި، ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.