ސަރުކާރުގެ ދެ އަހަރުގެ ދައުރު ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން މިއަދު ވަނީ ހުޅުމާލޭގައި އާއިލީ ހަވީރެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ހުޅުމާލޭ ޗެނަލް ޕާކު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ހަވީރު އޮތީ ހަވީރު 4 އިން 6 އަށެވެ. މި ހަރަކާތަކީ ވުޒާރާގެ މަސައްކަތްތައް އާއްމުންނަށް ހާމަކޮށް، އާއިލާތަކަށް މަޖާ ވަގުތެއް ހޯދައިދިނުމަށް ބޭއްވި ހަރަކާތެކެވެ.
މި އާއިލީ ހަވީރުގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ދެ އަހަރުގެ ދައުރުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، އެކަންކަން އާއްމުންނަށް ސީދާކޮށް ހާމަކުރުމެވެ. މީގެ ސަބަބުން ވުޒާރާގެ ދެ އަހަރުގެ މަސައްކަތުގެ ތެރެއިން ޤައުމަށް ލިބުނު ފައިދާތައް އާއްމުންނަށް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ހަވީރުގެ ބައިވެރިންނަށް ވުޒާރާގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެކި ޑިޕާޓްމެންޓްތަކުގެ ޚާއްޞަ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. މި ސްޓޯލްތަކުން އެކި ޑިޕާޓްމެންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް އާއްމުންނަށް ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ވުޒާރާގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތުތައްވެސް ވަނީ ދީފައެވެ.
އާއިލާތަކަށް އުފާވެރި ވަގުތެއް ހޯދައިދިނުމަށްޓަކައި، މި ހަވީރުގައި ވަނީ އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައްވެސް ހިންގާފައެވެ. ވުޒާރާގެ އިސް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް މަޖާ ގޭމުތަކަކާއެކު ތަފާތު އަދި އުފާވެރި ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ.