މި ސަރުކާރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުދަމާގެ 39 މަޝްރޫޢު ނިންމާލާފައިވާ އިރު، އިތުރު 40 މަޝްރޫޢުއެއްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ވުޒާރާއިން ވިދާޅުވީ، މި ދައުރުގައި ޖުމްލަ 79 ނަރުދަމާ މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ވުޒާރާއިން ޙިއްސާކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މި 79 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ މި ދަޢުރުގައި މުޅިން އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާއި، ކުރީ ސަރުކާރުތަކުގައި ފަށާ ހުއްޓިފައި ހުރި މަޝްރޫޢުތައް ނިންމުމުގެ މަސައްކަތްތަކެވެ. މިހާތަނަށް ނިމިފައިވަނީ 39 މަޝްރޫޢެވެ. އަދި އަލަށް ކޮންޓްރެކްޓްކޮށް މަސައްކަތް ފަށާފައިވާ 40 މަޝްރޫޢުއެއްގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ.
ސަރުކާރުން ވަނީ މަސައްކަތް ފަށާފައިވާ ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް އަވަސްކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ. މިގޮތުން، މަސައްކަތް ނުކުރާ ކޮންޓްރެކްޓަރުންގެ އަތުން މަޝްރޫޢުތައް ނަގާ، އެ މަސައްކަތްތައް އަވަސް ކުރުމަށް އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވެއެވެ. މީގެތެރެއިން ގިނަ މަޝްރޫޢުތަކެއް އަވަސް ކުރުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިލަރެސްކުރާ ގޮތަށް ސަބްސިޑަރީ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުންނަށް ޒަމާނީ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ގެންދަވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ބާރަށް މަސައްކަތް ކުރަމުންނެވެ.