ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، "ރެހެންދި އެވޯޑް" ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ސިޔާސަތާއި އެއްގޮތަށް ސަރުކާރުން ވަނީ ޢައްޔަންކުރެވޭ މަޤާމްތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކޮށްފައިކަމަށެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަންކުރެވޭ އަންހެނުންގެ ނިސްބަތް 27 އިންސައްތައަށް އިތުރުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަންހެނުންނަށް އިސް މަޤާމުތަކުގައި ފުރުސަތު ދިނުމުގެ މި ސިޔާސަތުގެ ދަށުން، މުހިންމު މުއައްސަސާތަކުގެ އެންމެ އިސް މަޤާމުތަކުގައި މިހާރު ތިއްބެވީ އަންހެނުންކަން ޑރ. ޢާއިޝަތު ޝިހާމް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (ނިސްޕާ)، އާސަންދަ ކޮމްޕެނީ ލިމިޓެޑް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ފަދަ އިދާރާތަކުގެ އެންމެ އިސް މަޤާމްތަކުގައި އަންހެނުން ތިއްބެވުމަކީ އުފަލާއިއެކު ފާހަގަކުރައްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަންކުރެވޭ އަންހެނުންގެ ނިސްބަތް 27 އިންސައްތައަށް ވަނީ އިތުރުކޮށްފައި. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އާސަންދަ ކޮމްޕެނީ ލިމިޓެޑް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތީރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްފަދަ އިދާރާތަކުގެ އެންމެ އިސް މަޤާމްތަކުގައި މިއަދު ތިއްބެވީ އަންހެނުންކަން އުފަލާއިއެކު ފާހަގަކުރަން. އަދި މިނޫންވެސް އެތައް އަގުހުރި ބުރަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ އެތަކެއް އަންހެން ބޭފުޅުން ގިނަ މަގާމުތަކެއްގައި އެބަ ތިއްބެވި." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ނަމަވެސް، ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުރިއަށް ދިއުމުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށާއި، މިކަންކަން ހާސިލުކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށެވެ. މި ސިޔާސަތުގެ ދަށުން، ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ލަފާކުރެވެއެވެ.