ސަލީމާއަށް އެދުވަހުވެސް ހޮސްޕިޓަލަށް ދާންޖެހުނީ އެކަންޏެވެ. ފިރިމީހާގެ މަސައްކަތް ބުރަކަމުންނެވެ. ހޮސްޕިޓަލުން ނުކުތީ ވަރަށް އުފަލުން ހުރެއެވެ. އެއީ ދަރިއަކަށް ބަލިވެއިންކަން އެނގުމުންނެވެ.
އެކަމަކު ހޮސްޕިޓަލުން ނުކުމެވި ހިނގައިގަތްތަމާހެން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ފިރިމީހާ މަގުގެ އަނެއްފަރާތުގައި އެހުރީ ނުދަންނަ އަންހެނެއްގެ އަތުގައި ހިފައިގެންނެވެ. ސަލީމާއަކަށް ކެތެއް2 ނުކުރެވުނެވެ. ކުއްލިއަކަށް ކުރިމައްޗަށް އަރާފައި މިއީ ކޮން އަންހެނެއްތޯ ސުވާލުކުރުމުން ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ނުބެހުމަށެވެ. ގެއަށް ގޮސް ގޭގައި އިނުމަށެވެ.
ސަލީމާ ގެއަށްވަނީ ރޮމުންނެވެ. މައިދައިތަ ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދީފައި ބުނީ އޭނާ ކިތަންމެ ފަޤީރު ނަމަވެސް މިއީ ކެތްކުރެވޭނެ ދިރިއުޅުމެއް ނޫންކަމަށާއި ދާނީ ގެއަށް ކަމަށެވެ. އަދި ޑޮކްޓަރުގެ ލިޔުންތައް ދައްކާފައި ބުނީ މިއީ ފިރިމީހާގެ ދަރިއެއްކަމަށް އޭނާ ސަލީމާ ވަރިކުރަންދެން ނުބުނުމަށެވެ. މަންމަ އާދޭސްކޮށްފައި ބުނީ ކެތްތެރިވެލައި ދިނުމަށެވެ. އެމީހުންގެ ަދރިފުޅު އިޞްލާޙްކުރެވޭތޯ މަސައްކަތްކޮށްދިނުމަށެވެ.
ހަވީރު ފިރިމީހާ ގެއަށް އައުމުން އިނީ ބަލިވެކަމަށް ބުނުމުން ވަރަށް އުފާވާކަމަށް ބުންޏެވެ. އެހެންބުނީމާ ސަލީމާ ބުނީ އުފާވުމުގެ ބޭނުމެއް ނެތް ކަމަށެވެ. މިއީ ފިރިމީހާގެ ދަރިއެއް ނޫންކަމަށެވެ. އެހެން ބުނާއިރަށް ފިރިމީހާ ދިއައީ ފުންމައިގެންނެވެ. މަކަރުވެރިއެއްކަމަށްބުނެ ނުބައިބަސްތައް ބުނަން ފެށިއެވެ. ހުރިހާ ކަމެއް ކޮށދެމުންދަނިކޮށް މަކަރުހަދައި ޚިޔާނާތްތެރިވީ ކީއްވެގެންތޯ ސުވާލުކުރުމުން ސަލީމާ ބުންޏެވެ. "ބަލަ ކަލޭގެ އަމިއްލަ ދިރިއުޅުމެއް އޮތް ގޮތަށް އަހުރެންގެ އަމިއްލަ ދިރިއުޅުމެއް އޮތުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އަހުރެންނަކީ މަކަރުވެރިއެއް ނަމަ ތެދަށް ނުބުނެ މުއްސަނދި ބައްޕައެއްގެ ބޮލުގައި ދަރިފުޅު އެޅުވީހީ ނޫންހެއްޔެވެ؟"
ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ދަރިފުޅު ވައްޓާލަން އެއްބަސްވުން އެދި އާދޭސްކުރަން ފަށައިފިއެވެ. އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ނަމަވެސް އެކުވެރިންގެ ބަހަށް ހެއްލެވި ނުބައި ގޮތްގޮތަށް އުޅެވުނީ ކަމަށް ބުންޏެވެ. އަނބިމީހާ ބުނީ ތިއަ ދައްކަނީ ބޭކާރުވާހަކަތައް ކަމަށާއި ބޭނުންވަނީ ގެއަށްދާން ކަމަށެވެ.
ޢާބންމު ގޮތެއްގައި މިގޮތަށް ކަންތައް މެދުވެރިވުމުން ފިރިން އަވަސްވެގަންނާނީ ވަރިކޮށް ފޮނުވައިލުމަށެވެ. އަވަހަށް އެހެން ކައިވެންޏެއް ކުރުމަށެވެ. ނަމަވެސް ސަލީމާގެ ފިރިމީހާ މިވީ ތަފާތު މީހަކަށެވެ. އެހެންވެ ފިރިމީހާ އިޞްލާޙްވެދާނެކަމުގެ އުންމީދު ލިބުމުން ސަލީމާ ތެދަށް ކިޔައިދިނެވެ. ދުވަހަކުވެސް ފިރިމީހާ ނޫން އެހެން މީހަކާ އެބާވަތުގެ އެއްވެސް ގުޅުމެއް ނުހިންގާ ކަމަށާއި ބޭނުންނަމަ ޑީއެންއޭ ހެދުމަށްވެސް ބުންޏެވެ.
ފިރިމީހާ އުފަލުން ފޮޅުނެވެ. އަދި އަނބިމީހާ ގޮވައިގެންގޮސް މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން މަންމަ ބުނީ ހިނގައިގެން އުޅޭ ހުރިހާ ކަމެއް އެނގޭކަމަށާއި މާމައަކަށް ވެވޭތީ މިއިޏީ ވަރަށް އުފަލުން ކަމަށެވެ.
ކޮންމެއަކަސް އެދުވަހުން ފެށިގެން ފިރިމީހާގެ އުޅުން ބަދަލުކުރިއެވެ. ހުރިހާ އުފަލަކީ އަނބިމީހާ އާއި ލިބެންއުޅޭ ދަރިފުޅު ކަމަށްހެދިއެވެ. އަނބިމީހާއަށް ވަރަށް ބޮޑަށް ލޯބިދީގެން ގެންގުޅެން ފެށިއެވެ. ކައިވެންޏަށް މިހާރު 8 އަހަރެވެ. 3 ކުދިންވެސް ލިބިއްޖެއެވެ. ދިރިއުޅެނީ ވަރަށް އުފަލުގައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް