އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލްތައް އުނިކޮށް، އެ ކައުންސިލްތައް އުވާލުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފަ އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ޝުޖާއު ހުށަހެޅުއްވި އިސްލާހުގެ ދަށުން، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާއަށް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު އުނިކުރެވޭނެ އެވެ. އަދި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އުނިކޮށް، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ސިއްރު ވޯޓަކުންކަމަށް ހިމެނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް، އަތޮޅު ކައުންސިލްތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުމެވެ. ރައީސް ވަނީ ޤާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަން ކުރިން އިއުލާނު ކުރައްވާފަ އެވެ.

މި އިސްލާހުތަކާ ގުޅިގެން ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ވެސް ބަދަލު އަންނާނެ އެވެ. 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގާއިމުކުރެވޭނެއެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ. މި ބަދަލާއެކު ކޮންމެ ކައުންސިލެއްގައި އަންހެން ކައުންސިލަރެއް ހިމެނޭނެ އިންތިޒާމެއް ގާއިމުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) އުވާލާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ކައުންސިލްތަކުގެ މެންބަރުން އިންތިހާބުކުރަންވާނީ، މި ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައެވެ. ނަމަވެސް، މި ޤާނޫނަށް އަމަލުކުރަން ފަށާއިރު، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މިހާރު ތިބި މެންބަރުން، އާ މެންބަރުން މަގާމާ ހަވާލުވަންދެން، އެ މީހުންގެ މަގާމުގައި ދެމިތިބޭނެކަމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

މިއަދު އޮންލައިން