އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ މައްސަލައިގެ ތުހުމަތުގައި، ނޮވެމްބަރ 12 ވަނަ ދުވަހު އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ހައްޔަރު ކުރެވުނު މީހަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ 36 އަހަރުގެ މުޙައްމަދު އަލަމިން މިއާ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި މީހުންގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ އާއި، ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. މިއީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މީގެ އިތުރުން، ސިނގިރޭޓް ވައްކަމާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ދެ ކޮއިންޓެއިނަރުގެ ބައިތައް ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވެއެވެ.