ސިޔާސީ ޕާޓީން ވަކިކޮށްފި ނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ސިޔާސީ ޕާޓީން ވަކިކޮށްފި ނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ޤާނޫނުއަސާސީއަށް މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހުގައި ހިމެނޭ މައިގަނޑު ބަދަލަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުން ގެންދާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ، މެމްބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާއެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެކަމަށް ކަނޑައެޅުމެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިކުރެވޭ ހާލަތުގައި އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތުތައް ޤާނޫނުއަސާސީގައި ކަނޑައެޅުމެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ޤާނޫނުއަސާސީން ލާޒިމުކުރާ އަތޮޅު ކައުންސިލްތައް އުފެއްދުމުގެ މާއްދާ އުވާލުމަށް ވެސް ހުށަހަޅާފައިވެއެވެ.

މި އިސްލާހުގައި ހިމެނެނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ޅ) ފަހަތަށް ދެ އަކުރު އިތުރުކުރުމެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އެ މެންބަރުކަން ގެއްލޭނީ ހަމައެކަނި އެ މެމްބަރު އިންތިހާބުވީ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ނަގާ އާންމު ވޯޓެއްގައި، އެ މީހާ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. މިއީ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުމުގެ މައްސަލަތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ހުށަހެޅުނު މުހިންމު ބަދަލެކެވެ.

މި މާއްދާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް، އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ސިޔާސީ ޕާޓީއެއްގެ އިތުރުން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހުގެ ސަބަބުން، ޕާޓީ ބަދަލުކުރުމުގެ މައްސަލަތަކުގައި ރައްޔިތުންގެ ބާރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން