ސިގްނޭޗަރ ސްކޮލަރޝިޕް ޕްރޮގްރާމާއެކު ދިވެހިންގެ ތަރިކައާއި ސަޤާފަތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. މި ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ތަރިކައިގެ ދާއިރާ ތަރައްޤީކޮށް ރައްކާތެރިކުރުމަށް އެކި ދުވަސްވަރު އެކި މީހުން މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި، މި ފެށިގެންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒަމާނާ ހަވާލުވެވަޑައިގެން ދުވަހު އިއުލާންކުރެއްވި ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫއާއި ގުޅިފައިވާ އިންގިލާބީ އިލްމީ މަސައްކަތެކެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ތަރިކައިގެ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލު ގުޅިފައިވަނީ އިލްމީގޮތުން މި ދާއިރާ ދިރާސާކޮށް، އިލްމީ ހޯދުންތަކުގެ އަލީގައި މައުލޫމާތު ފެތުރުމަށެވެ. މިގޮތުން، ތަރިކައާ ގުޅުން ހުރި 40 ސްކޮލަރޝިޕުގެ އިތުރުންވެސް މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސްކޮލަރޝިޕްތަކާއި ދިރާސާތަކާއެކު ރައީސް އިޢުލާންކުރެއްވި ސިޔާސަތުގެ ތެރެއިން ޤައުމީ ދާއިރާއިން ސިކުނޑި ބައްޓަން ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ތަރިކައިގެ ދާއިރާ ދިވެހިންނާއި އެއްކޮޅަށް އޭގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ދިވެހިންގެ އަސްލުތައް ދެނެގަތުމުގައި ދިވެހިންނަށް ޒަމާނުންސުރެއް ފޯރާފައިނުވާ ހިސާބަށް މި މަސައްކަތުން ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.