އެމްޑީޕީން މަގުމަތީގައި ކުރިއަށްގެންދިޔަ ހަރަކާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކަކީ އެ ބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ކަނޑައަޅައި، އެ ވާހަކަތަކަށް އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ޒިންމާވާންޖެހޭނެކަމަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތަމްސީލުކުރާ ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީން ބޭއްވި އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓު އަހްމަދު ސަލީމު (މާޒު ސަލީމް) ދައްކާފައިވާ ވާހަކަތަކަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ރައީސްގެ ދަރިކަލުންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެރިކަން ނިގުޅައިގަންނަ ވާހަކަތަކެއްކަމަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.
ވަކިވަކިން ހުށަހެޅި ދެ މައްސަލާގައި ފެމިލީ ކޯޓުން ހުކުމްކުރަމުން ބުނެފައިވަނީ މާޒް ސަލާމު ދެއްކި ވާހަކަތަކަށާއި، އެ ވާހަކަތަކުން ނުކުތް ނަތީޖާއަށް އެއްވުންތައް އިންތިޒާމުކުރި އެމްޑީޕީއާއި އެ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ޒިންމާ ނަންގަވަންޖެހޭނެ ކަމަށެވެ. އެގޮތުން ހުކުމުގައި ބުނެފައިވަނީ މާޒް ސަލީމާއި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި ފައްޔާޒު އެ ވާހަކަތަކަށް ހިތްވަރުދީފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ފައްޔާޒާއި މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ ކިބައިން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ރައީސްގެ ދަރިކަލުންގެ މަންމާފުޅުގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް އޮންނާނެ ކަމުގައިވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުޑަކުދިންގެ ހައްގުތަކަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާތީ، އެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުގެ މައްޗަށް އިތުރު އަމުރެއް ނެރެންޖެހޭނެ ކަމުގައި ކޯޓުން ނުދެކެއެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަމެއް ކުރުމަށް ހުއްދަ ނުލިބޭނެކަމަށާއި، އެފަދަ މައްސަލައެއް މުއައްސަސާއަކަށް ހުށަހަޅައިގެން ފިޔަވަޅެއް ނާޅައިފިނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
މި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް، ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ނިންމަވާފައިވަނީ ބަދަލު ހޯދުމަށް ހުށަނޭޅުމަށް ކަމުގައި ރެހެންދި ޗެމްބާސްގެ ބަޔާނުގައި ވެއެވެ.