އެއާ އެމްބިއުލާންސްގެ ހިދުމަތް ދުބާއި އާއި ތައިލެންޑަށް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެއާ އެމްބިއުލާންސްގެ ހިދުމަތް ދުބާއި އާއި ތައިލެންޑަށް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި

ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން، އެ ޚިދުމަތް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީ އާއި ތައިލެންޑަށް ފެށުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޭރުގެ ޤައުމުތަކުންވެސް އަވަސް ސިއްޙީ ފަރުވާ ލިބިގަތުމުގެ މަގު ފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސިއްހީ ވުޒާރާގެ މޫމިނާ މާލަމުގައެވެ. މި އެއްބަސްވުމުގައި ބައިވެރިވެފައިވަނީ ސިއްހީ ވުޒާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއެވެ. މި ތިން ފަރާތް ގުޅިގެން މި ޚިދުމަތް ބޭރުގެ ޤައުމުތަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ޙާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަންއިން މި އެއްބަސްވުމާއި ގުޅޭގޮތުން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން މިހާރުވެސް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެމުންދާއިރު، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސްގެ ދަށުން 24 ގަޑިއިރު މި ޚިދުމަތް ދިނުމަށް ތައްޔާރަށް ތިބެއެވެ. ރާއްޖެއިން ބޭރަށް މި ޚިދުމަތް ފުޅާކުރުމުގެ މަޤްސަދަކީ، ކުއްލި ޙާލަތުގައި ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތްނަމަ، އެއަރ އެމްބިއުލާންސްގައި ވަގުތުން ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ދިވެހީންނަށް ސިއްޙީ ފަރުވާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ސަރުކާރުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ވަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފައްޓަވާފައެވެ. މި ޚިދުމަތަށް ޚާއްސަކޮށް، މަތީންދާބޯޓެއް ވަނީ ފުރިހަމަ ސިއްޚީ ފަރުވާ ދެވޭނެ އިންތިޒާމާއެކު ތައްޔާރުކުރެވިފައެވެ. މިހާރު މި ޚިދުމަތް ދުބާއީ އާއި ތައިލެންޑަށް ފުޅާކުރުމަކީ، ސިއްޙީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން