ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމުގައިވާ "ބޯހިޔާވަހިކަން އެންމެންނަށް" މިރޭ ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި ސިޔާސަތު އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް، ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް މަގުފަހިވާނެގޮތަށެވެ.
މި އިފްތިތާޙާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތައް ވަނީ އާއްމުކޮށްފައެވެ. މީގެ ތެރޭގައި ފްލެޓް ދޫކުރުމުގެ އުސޫލާއި، ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ހިމެނެއެވެ. މި ސްކީމްތަކުން ފުރުޞަތު ދިނުމަށް މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން ވަނީ ކަނޑައަޅާފައެވެ. އެއީ މާލީގޮތުން ފުދުންތެރި ފަރާތްތައް، މެދު ފަންތީގެ ޢާއިލާތައް، އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތައް، އަދި އެންމެ ފަޤީރު ޙާލަތުގައިވާ ޢާއިލާތަކެވެ. މި ކެޓަގަރީތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހިކޮށްދޭނެއެވެ. އަދި އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެއެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމުގެ ސްކީމްގެ ތަފްޞީލުވެސް ވަނީ އިޢުލާނުކުރައްވާފައެވެ. ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.
މި ސިޔާސަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު ދެ ވާހަކަ ހާމަކުރައްވާފައެވެ. އެގޮތުން، މިސްކީމުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރާނެކަން ވަނީ އިޢުލާނުކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7000 ފްލެޓްގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އުންމީދުކުރަނީ މި ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމުގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.