ސަރުކާރުން ދޫކުރާ ގޯތި ދިނުމުގެ ސްކީމްގެ ދަށުން އަމަލުކުރާނެ އުޞޫލުތައް މިހާރު ވަނީ އާންމުކޮށްފައެވެ. މި ސްކީމްގެ ދަށުން މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ޖުމްލަ 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އުޞޫލުތަކަކީ ގޯތި ދޫކުރުމުގައި އިންސާފުވެރިކަމާއި، ޝަރުތު ހަމަވާ ފަރާތްތަކަށް އިސްކަންދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކެކެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ދެ ބަޔަކީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މީގެތެރޭގައި މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތަކާއި، މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި، ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ހިމެނެއެވެ. މި ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވިތާ 5 އަހަރަށްވުރެ ގިނަ ދުވެސްފައިވާ ފަރާތްތަކަށެވެ.
ދެވަނަ ބައިގައި ހިމެނޭ މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. މި ފަރާތްތަކަށް ގޯތި ލިބުމަށް އެދެވޭނީ ފްލެޓް ސްކީމެކޭ އެއްގޮތަށް، މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. މިއީ މާލޭގައި ދިގު މުއްދަތެއްގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަށް ހަމަޖެހިފައިވާ އުޞޫލެކެވެ.
ގޯތި ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 18 އަހަރުވެފައިވުން ހިމެނެއެވެ. މީގެ އިތުރުން، 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުން ޝަރުތުކުރެއެވެ. 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ، އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެއެވެ. މައިންބަފައިންގެ ފަރާތުން ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބެން އޮތްނަމަ ވެސް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ބައި ދޫކޮށްލަން ޖެހެއެވެ.
އެހެނިހެން މުހިންމު ޝަރުތުތަކުގެ ތެރޭގައި، އެއްމެދު ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާނަމަ، ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ. އަދި، ފާއިތުވި 5 އަހަރުގެތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް، ހައުސިން ޔުނިޓެއް، ރޯ ހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެހެން ފަރާތަކަށް ވިއްކައި، ހިބައިންދީ ނުވަތަ ދޫކޮށްލާފައިނުވުން ވެސް ޝަރުތުކުރެއެވެ. މީގެ އިތުރުން، އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތްތަކަށް ނުވުމާއި، ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތްތަކަށް ވިއްކައި، ހިބައިންދީ ނުވަތަ ދޫކޮށްލާފައިނުވުމަކީ ވެސް ޝަރުތެކެވެ.
އިމާރާތް ކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކީމަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވަނީ ވީހާވެސް ބޮޑަކަށް ވެރިފައިކުރެވޭނެ ފަދަ ގޮތަކަށްކަމަށެވެ. ޕޮއިންޓް ދިނުމުގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުމުގެ މުއްދަތަށް ބަލާނެއެވެ. އަދި އާއިލާގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށާއި، އުމުރުފުރާގެ އިތުރުން އާއިލާގެ ހާލަތު ވެސް ހިމެނެއެވެ. އޭގެތެރޭގައި ދަރިންގެ އަދަދު ނުވަތަ ޞިއްޙީ ސަބަބުތަކާހެދި ދަރިން ނުލިބޭނަމަ އެކަމަށް ބަލާނެއެވެ. ކުރިމަތިލުމުގެ އުސޫލާއި ޕޮއިންޓް ދިނުމާ ގުޅޭ އުސޫލުތައް ވުޒާރާއިން ވަރަށް އަވަހަށް ގެޒެޓުގައި ޝާއިއުކުރާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.