ސަރުކާރުން ފްލެޓް ދޫކުރުމަށް އެކުލަވާލި އައު އުސޫލުގައި، މީގެކުރިން ދެމަފިރިންގެ ތެރެއިން އެކަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ފްލެޓެއް ލިބިފައިވާނަމަ، މި ސަރުކާރުގެ ފްލެޓް ދޫކުރުމުގެ އައު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކަނޑައަޅައިފިއެވެ. މިއީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފުރުސަތު ދިނުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.
ފްލެޓަށް ކުރިމަތިލުމަށްޓަކައި ބައެއް އަސާސީ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ. އެގޮތުން، އެދޭ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ލާޒިމެވެ. މީގެ އިތުރުން، 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުމަށް އުސޫލުގައި ބާރުއަޅައެވެ. އަދި ރިއަލް އެސްޓޭޓް މާކެޓުން ހައުސިންގ ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުމަކީވެސް މުހިންމު ޝަރުތެކެވެ.
އެންމެ މުހިންމު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައި ނެތުމެވެ. މި ޝަރުތުގެ ސަބަބުން، ކުރިން ސަރުކާރުގެ އެހީގައި ބޯހިޔާވަހިކަން ލިބިފައިވާ އާއިލާތަކަށް އަލުން މި ސްކީމުގެ ދަށުން ފްލެޓަށް އެދެވޭނެ ފުރުސަތު ވަނީ ބަންދުކުރެވިފައެވެ.
ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ދެ މައިގަނޑު ކެޓަގަރީއެއް ކަނޑައަޅާފައެވެ. އެއީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަކާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ކަނޑައަޅާފައިވާ ކެޓަގަރީއެކެވެ.
ކެޓަގަރީ 1: މާލެ ރަށްވެހިން: މި ކެޓަގަރީގެ ދަށުން ފްލެޓަށް އެދެވޭނީ އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތަކަށާއި، މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށެވެ. އަދި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ފުރުސަތު ލިބިގެންދާނެއެވެ.
ކެޓަގަރީ 2: މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން - މި ކެޓަގަރީއަށް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. 15 އަހަރު ގުނާނެ ގޮތް ތަފްޞީލުކޮށް އުޞޫލުގައި ހިމަނާފައިވާނެއެވެ.
ފްލެޓް ދޫކުރުމުގައި ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ އުސޫލަކީ، ދިރިއުޅުމުގެ ޙާލަތު ވީހާވެސް ތަފްސީލްކޮށް ދެނެގަނެވޭނެ އުސޫލެއް ކަމަށް ސަރުކާރުން ބުނެއެވެ. ޕޮއިންޓް ދެވޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތާއި، އާއިލާގެ ގޯތިގެދޮރުގެ މިލްކުވެރިކަމުގެ ޙާލަތު ހިމެނެއެވެ. އަދި ގޭބިސީގެ ޖުމްލަ އާމްދަނީއާއި، އާއިލާގެ ބެލުމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށް ބަލާނެއެވެ. މީގެ އިތުރުން، އާއިލާގެ ޢާންމު ޙާލަތަށްވެސް ޕޮއިންޓް ދިނުމުގެ އުސޫލުގައި ބަލާނެއެވެ.