ޞަދަޤާތްކުރުން އޮތީ ގާތުން ދުރަށެވެ. ވީމާ އަމިއްލަ ޢާއިލާއަށްފަހު ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭންއޮތީ އަވަށްޓެރިންނަށެވެ. ނަމަވެސް އެކަން ވިސްނެނީ ހާދަމަދު މީހަކަށެވެ.
ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު ގޭގޭގެ ބަދަލުގައި މިހާރު ދިރިއުޅެނީ އެޕާޓްމަންޓްތަކުގައެވެ. އެކަމަކުވެސް ގިނަ ބައަކު ޖެހިގެން ހުންނަ އެޕާޓްމަންޓްގައި އުޅޭ އަވަށްޓެރިޔާގެ ޙާލު ބަލައިނުލާތަނުގައި ބައްދަލުވުމުން ހިނިތުންވެސްވެނުލައެވެ. މިފަދަ މީހުންނަށް މިގެނެސްދެނީ ޢިބްރަތްތެރި ވާހަކައެކެވެ.
އަޅުގަނޑަކީ ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ މަސްވެރިއަކީމެވެ. އަޅުގަނޑުގެ ގެއާއި އިންވެގެން ތިބި 2 މީހުންނަކީވެސް ވަރަށް ނިކަމެތި ބައެކެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތް ބައެކެވެ. ނިކަމެތި ކުދިންކޮޅަކާއިއެކު އެއްގޭގައި ދިރިއުޅެނީ އެކަނިވެރި އަންހެނެކެވެ. އަނެއްގޭގައި ދިރިއުޅެނީ ޒުވާން އެހެނަސް ހުވަފަތް އަންހެނެކެވެ.
އަޅުގަނޑަށް ވެވުނު ވަރަކުން އެމީހުންނަށް އެހީތެރިވަމެވެ. ކާޑުވެސް ދެމެވެ. ލައިގެންކާނެ އެއްޗެތިވެސް ދެމެވެ. އަދި ރަށުގައި ހުރެވޭ ދުވަސްދުވަހު ވީވަރަކުން އެމީހުންނަށް ދަތިވެފައި ހުންނަ ކަންކަން ބަލައި އެކަންކަން ކޮށްދެމެވެ. ވަޅުދިޔަވެސް ހިއްކައިދެމެވެ.
އަޅުގަނޑުގެ އަނބިމީހާއަކީވެސް ވަރަށް ދީލަތި އަންހެނެކެވެ. ކޮންމެ ދުވަހަކުހެން އެގޭގެ ދޮރުން ބޯކޮއްޕައި ޙާލުބަލާނެއެވެ.
ކުރުކޮށްލާފައި ބުނަމެވެ. އަހަރުތައް ފާއިތުވެ ދެގޭގެ ކުދިންވެސް މިހާރު ބޮޑެތިވެއްޖެއެވެ. ފިރިހެންކުދިން މަސައްކަތްކޮށްގެން ފައިސާ ހޯދައެވެ. އެކުދިންގެ ކިބައިން އެއްވެސް ކަމަކު ނުއެދެމެވެ.
ގައިބާރު ދެރަވެ މިހާރު މިހުންނަނީ މަހަށްވެސް ނުދެވިއެވެ. ގޭގެ ޚަރަދުތައް ބަލަހައްޓަނީ ދަރިންނެވެ. ނަމަވެސް ދަރިންނަށްވުރެ އަވަށްޓެރި 2 ގޭގެ ދަރިންގެ އެހީތެރިކަން ކުޑައެއް ނޫނެވެ. ކޮންމެ ދުވަހަކުހެން ކޮންމެވެސް އެއްޗެއް ގެއަށް ވައްދާނެއެވެ. ދައްތަ އާއި ބޭބެ ކޮބައިތޯ އަބަދުބަލާނެއެވެ.
މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރީ އަމިއްލަ ތަޖުރިބާއިންނެވެ. ބޭނުމަކީ އަވަށްޓެރިންނަށް ހެޔޮ ނިޔަތުގައި އެހީތެރިވުމުން ދުނިޔޭގައިވެސް ކުރާ ފައިދާތައް ހާމަކުރުމެވެ. އަވަށްޓެރިންނަށް އެހީތެރިވުމަށް ހިތްވަރު ދިނުމެވެ.
- ޙުސައިން - މިއަދުނޫހުގެ ކިޔުންތެރިއެއް